މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ދޫކުރާ ލޯނުގެ ގޮތުގައި 2024 ވަނަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް 1 ބިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މި ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުން ފެށިގެން މިހާތަނަށް ޖުމްލަ 1،226 ދަރިވަރަކަށް ލޯނު ދޫކޮށްފައިވެއެވެ. މީގެތެރޭގައި ހިމެނެނީ 560 ފިރިހެން ދަރިވަރުންނާއި 666 އަންހެން ދަރިވަރުންނެވެ. އަދި މި އަހަރު އެކަނި 396 ދަރިވަރަކަށް ލޯނު ދޫކޮށްފައިވާއިރު، އޭގެތެރޭގައި 153 ފިރިހެން ދަރިވަރުންނާއި 243 އަންހެން ދަރިވަރުން ހިމެނެއެވެ.
ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން 1.065 ބިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. މި އަހަރުގެ މިހާތަނަށް މި ސްކީމްގެ ދަށުން 365.27 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަން ފާހަގަކުރެވެއެވެ.
މީގެއިތުރުން، މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ މިހާތަނަށް ސްކޮލަޝިޕްގެ ގޮތުގައި 368 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދި ފުރަތަމަ ޑިގްރީއަށް ކިޔެވުމަށް 4،469 ދަރިވަރަކަށް 267 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު، މި އަހަރުގެ މިހާތަނަށް 1،687 ދަރިވަރަކަށް 116 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
ތަފާސްހިސާބުތަކުން އިތުރަށް ދައްކާގޮތުގައި، 2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފުރަތަމަ ޑިގްރީއަށް 2،806 އަންހެން ދަރިވަރުންނާއި 1،663 ފިރިހެން ދަރިވަރުން ރަޖިސްޓްރީކޮށްފައިވެއެވެ. މިހާތަނަށް ޖުމްލަ 5،579 ދަރިވަރުން ދަސްވެނިވެފައިވާއިރު، މި އަހަރުގެ މިހާތަނަށް އެކަނިވެސް 2،237 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އަދި މިވަގުތު 8،330 ދަރިވަރުން ފުރަތަމަ ޑިގްރީއަށް ކިޔަވަމުން ގެންދާކަން ފާހަގަކުރެވެއެވެ.



