އިންޑިއާ އާއި ރާއްޖެއާއި ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމަށް މަޝްވަރާކޮށްފި

ރާއްޖެއާއި އިންޑިއާއާ ދެމެދު ވިޔަފާރި އާއި އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމަށް މަޝްވަރާތަކެއް ކުރިއަށްގެންގޮސްފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދާއި އިންޑިއާގެ ކޮމާސް ސެކްރެޓަރީ ސުނިލް ބަރަތުވާލްއާ ދެމެދު ބޭއްވުނު ބައްދަލުވުމެއްގައެވެ.

މިނިސްޓަރ ސަޢީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ އިތުރު ގުޅުންތައް ގާއިމްކޮށް، އިޤްތިޞާދީ ނަފާ އިތުރުކުރުމުގެ ފުރުސަތުތައް ފަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

ފާއިތުވި ދުވަސްތަކުގައި ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކުގެ ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރުމަށްޓަކައި އިންޑިއާގެ ތިން ސިޓީއެއްގައި ބިޒްނަސް ފޯރަމްތަކެއް ވަނީ ބާއްވާފައެވެ. މި ފޯރަމްތަކަކީ ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

އިންޑިއާއަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކުގައި އެންމެ އިސް ދައުރެއް އަދާކުރާ އެއް ޤައުމެވެ. މިގޮތުން މިހާރު އިންޑިއާގެ އެހީގައި ކުރިއަށްދާ އެންމެ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި ތިލަމާލެ ބްރިޖް މަޝްރޫޢާއި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ މަޝްރޫޢު ހިމެނެއެވެ.

މީގެއިތުރުން، އިންޑިއާއިން ވަނީ ރާއްޖެއަށް 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއްވެސް ހަމަޖައްސައިދީފައެވެ. މިއީ ދެ ޤައުމުގެ މާލީ އަދި އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ