މިދިޔަ ހަފްތާގައި މިފްކޯއަށް މަސްކިރުވި 271 ދޯންޏަކަށް ޖުމްލަ 14.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކޮށްފިއެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު 14.3 އިންސައްތައިގެ އިތުރުވުމެކެވެ. އޭގެ ކުރީ ހަފްތާގައި މިފްކޯއަށް މަސްކިރުވާފައިވަނީ 237 ދޯންޏަކުންނެވެ. މިދިޔަ ހަފްތާގައި މަސްވެރިންނަށް ދޫކުރެވުނު 14،251،615 ރުފިޔާއަކީ، އޭގެ ކުރީ ހަފްތާގައި ދޫކުރެވުނު 14،164،625 ރުފިޔާއާ އަޅާބަލާއިރު 0.6 އިންސައްތައިގެ އިތުރުވުމެކެވެ.
މިދިޔަ ހަފްތާގައި އެންމެ ގިނަ އަދަދެއްގެ ފައިސާ ދޫކުރެވިފައިވަނީ އަންގާރަ ދުވަހުއެވެ. އެދުވަހު 54 ދޯންޏަކުން މަސްކިރުވާފައިވާއިރު، މަސްވެރިންނަށް ޖުމްލަ 3،568،638 ރުފިޔާ ދޫކުރެވިފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފެށުމާ ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު އިތުރުވެފައިވާކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
މީގެއިތުރުން، މަސްވެރިންގެ ދަފްތަރު އެކުލަވާލައި، އާމްދަނީއަށް ބިނާކޮށް ލޯނު ލިބޭނެ އިންތިޒާމު ހަމަޖެހި، މިހާތަނަށް 14 މަސްވެރިއަކަށް ބޭންކް އޮފް މޯލްޑިވްސްއިން ލޯނު ދޫކޮށްފައިވާކަން ފާހަގަކުރެވެއެވެ.
އަދި އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމަށްޓަކައި ކޮންމެ އަތޮޅެއްގައި އެއް ރަށެއްގައި ތެޔޮ ފޯރުކޮށްދޭ ސްޓޭޝަންތައް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މި މަސައްކަތް 2024 ވަނަ އަހަރުގެ މާރިޗު މަހުގެ ކުރިން ނިންމާލެވޭނެކަމަށް ސަރުކާރުން ބުނެފައިވެއެވެ.



