ސަޢޫދީ ސަފީރު ރައީސުލްޖުމްހޫރިއްޔާއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެއަށް ސަޢޫދީ ޢަރަބިއްޔާއިން ކަނޑައަޅުއްވާފައިވާ ސަފީރު، އަލްފާޟިލް ޔަހްޔާ ހަސަން އަލްގަހްތާނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވުނު ރަސްމިއްޔާތުގެ ކުރިން، ސަފީރު ޖުމްހޫރީ މައިދާނުން ރައީސް އޮފީހަށް ވަޑައިގަތީ އެމްއެންޑީއެފްގެ ޑްރަމް އެންޑް ޓްރަމްޕެޓް ބޭންޑާއެކު ޕެރޭޑެއްގައެވެ.

ކްރެޑެންޝަލް އެރުވުމަށްފަހު ބޭއްވުނު ބައްދަލުވުމުގައި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމުގައި ރައީސް މުޢިއްޒު، ދެ ޙަރަމްފުޅުގެ ޚާދިމް، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު އަދި ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަމީރު، ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު އަދި ސަޢޫދީ ސަރުކާރާއި ރައްޔިތުން ދިވެހިރާއްޖެއަށް ދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސް މުޢިއްޒު ވަނީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުމާއި، އެ ޕްރޮގްރާމްގެ ދަށުން ޙައްޖު ޢުމްރާގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ގެނެވެމުންދާ ކުރިއެރުންތަކަށް ޝުކުރު އަދާކުރައްވާފައެވެ. ސަފީރު ވެސް ވަނީ ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކުރެވިފައިވަނީ 17 މާރޗް 1981 ގައެވެ. މިއަދުގެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް ދެމެހެއްޓުމަށް ދެ ފަރާތުންވެސް އެއްބަސްވެވަޑައިގަތެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ