ސިންގަޕޫރާއި ގުޅިގެން ރާއްޖޭގެ މަސްވެރިކަން ތަރައްޤީކުރުމަށް މަސައްކަތްކުރާނަން: ވަޒީރު ޝިޔާމް

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކުރެއްވުމަށްޓަކައި ސިންގަޕޫރުގެ ސަރުކާރާއި ޕްރައިވެޓް ސެކްޓަރއާ ގުޅިގެން އިތުރަށް މަސައްކަތް ކުރައްވާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސިންގަޕޫރުގައި ބޭއްވި ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މަސްވެރިކަމުގެ ދާއިރާއާ ގުޅުން ހުރި މަޝްރޫޢުތަކުގެ މަޢުލޫމާތުތައް ސިންގަޕޫރުގެ އިންވެސްޓަރުންނާ ހިއްސާކުރެއްވިކަމަށެވެ. އަދި މެރިކަލްޗަރއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވާ ދާއިރާއެއްކަން ފާހަގަކުރެއްވިއެވެ.

ވަޒީރު ޝިޔާމް ވިދާޅުވިގޮތުގައި ސިންގަޕޫރުގެ ރައީސްއާއި ބޮޑުވަޒީރާއެކު ބޭއްވި ބައްދަލުވުމުގައި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްޤީއަށް ކުރަން ހުރި މަސައްކަތްތަކާއި ރައީސުލްޖުމްހޫރިއްޔާ ހާސިލްކުރަން ބޭނުންފުޅުވާ ކަންތައްތަކުގެ ވާހަކަތައް ހިއްސާކުރެއްވިއެވެ.

"ސިންގަޕޫރުގެ ސަސްޓެއިނިބިލިޓި މިނިސްޓަރާ ބައްދަލުކޮށް އެ މަސައްކަތްތަކުގެ ވާހަކަތައް ހިއްސާކުރިން. ރައީސުލްޖުމްހޫރިއްޔާ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށް ރާވާފައި ހުރި ކަންކަމުގެ މަޢުލޫމާތުތައް ހިއްސާކުރިން," ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ސިންގަޕޫރަކީ މަސްވެރި ޤައުމެއް ނޫންނަމަވެސް، އެއީ ބޮޑަށް އިމްޕޯޓަށް ބަރޯސާވާ ޤައުމެއްކަމަށާއި މަސްވެރިކަމާއި މެރިކަލްޗާގެ ދާއިރާއިން އިންވެސްޓްކުރަން ބޭނުންވާ ފަރާތްތައް ތިބިކަން ވަޒީރު ޝިޔާމް ފާހަގަކުރެއްވިއެވެ.

މިހާރުވެސް ރާއްޖެއިން ހުއިފިލަނޑާފަދަ ބާވަތްތައް އެ ޤައުމަށް އެކްސްޕޯޓްކުރަމުންދާކަމަށާއި، މި ދާއިރާ އިތުރަށް ފުޅާކުރުމަށް މަސައްކަތްކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މެރިކަލްޗަރގެ ފުރުޞަތުތަކާއި، ސްޕޯޓްސް ފިޝިންގ ބަނދަރުތައް ތަރައްޤީކުރުމަށް ވަކި ސަރަޙައްދުތަކެއް ކަނޑައަޅުއްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިއީ މަސްވެރިކަމުގެ އިތުރުން ފަތުރުވެރިކަންވެސް ސިންދަފާތުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ