ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ޒުވާނުން ނެރުމަށް ކުރާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު ތަސައްވުރެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ވޭތުވެދިޔަ ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތާމެދު އަމަލުކުރި ގޮތުންނާއި، ސިޔާސީ ބޭނުމުގައި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވި ޒުވާނުންނަށް ކުޑަ މުސާރައެއް ދިނުމުގެ ސަބަބުން މި ދާއިރާއަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދުމަށް ފަށާފައިވާ ތަމްރީނު ޕްރޮގްރާމުން ފެނިގެންދިޔައީ މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ދޯނިފަހަރުން މިކަމަށް އޮތް ޝައުގުވެރިކަންކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ދިވެހި ޒުވާނުން އޮޑިފަހަރަށް އެރުވުމަށް އޮޑިވެރިންނާއި ކެޔޮޅުން މަސައްކަތްކުރާ މަންޒަރު ފެނިގެންދިޔަކަމަށްވެސް ވިދާޅުވިއެވެ.
"ގަބޫލުކުރާ ގޮތުގައި ނަތީޖާ ވަރަށް ރަނގަޅު. ރައީސްގެ އޮތީ ޒުވާނުން މަސްވެރިކަމުގެ ސިނާޢަތަށް އަނބުރާ ގެނެވޭނެ ވަރުގެ މެނިފެސްޓޯއެއް. މި ޕްރޮގްރާމްގެ އިތުރުންވެސް މެރިކަލްޗަރ ޕްރޮގްރާމްތައް ވަނީ ހިންގިފައި," ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ހިންގޭ މި ޕްރޮގްރާމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ތެރެއިން ހިންގޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ޒުވާނުންގެ އަދަދު އިތުރުވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
 
								
 
											
 
								 
								 
								
 
														
 
														 
														 
														 
														 
														 
														
