ކަންނެލި މަސް ޕްރޮސެސްކޮށް، ބަންދުކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ހުޅުމާލޭގައި ޤާއިމްކުރާ ފެސިލިޓީ ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ބިން، ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި މަޝްރޫޢަކީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މުހިންމު މަސައްކަތެކެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިއެސްޑީބީ) އާއި ދިވެޖި ސަރުކާރު ގުޅިގެންނެވެ.
މިފްކޯގެ ދަށުން ތަރައްޤީކުރާ މި ފެސިލިޓީއަކީ ދުވާލަކު 35 ޓަނުގެ މަސް ބަންދުކުރުމުގެ ޤާބިލުކަން ހުންނާނެ ތަނެކެވެ. މަސް ބަންދުކުރާ ޤާބިލުކަން އިތުރުކުރުމަށް ހިންގާ މި މަޝްރޫޢަށް އައިއެސްޑީބީން ވަނީ ލޯނު އެހީއެއް ހަމަޖައްސާފައެވެ. މީގެކުރިން މި ކާރުހާނާ ކަނޑުއޮތްގިރީގައި ޤާއިމްކުރުމަށް ހަމަޖެހިފައި އޮތްނަމަވެސް، ހުޅުމާލެއިން ބިން ހަމަޖެހުމާއެކު ސަރުކާރުން ވަނީ މި މަޝްރޫޢު ހުޅުމާލެއަށް ބަދަލުކުރައްވާފައެވެ.
ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އެޗްޑީސީ، މާލީ ވުޒާރާ، އަދި މަސްވެރިކަމާބެހޭ ވުޒާރާގެ މެދުގައެވެ. އެގޮތުން އެޗްޑީސީގެ ފަރާތުން މެނޭޖިން ޑިރެކްޓަރ ޢަލީ ޒުހައިރު، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާގެ ފަރާތުން ސްޓޭޓް މިނިސްޓަރ ހުސައިން ޝާމް، އަދި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ވަޒީރު އަހުމަދު ޝިޔާމް ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.
މި މަޝްރޫޢުގެ ކުރިއެރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ، ފެސިލިޓީގެ މަސައްކަތް މި އަހަރު ފެށިގެންދާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި މަސައްކަތް ނިންމައި، މަސްވެރިންނަށް އޭގެ ފައިދާ ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
 
								
 
											
 
								 
								 
								

 
														 
														 
														 
														 
														 
														
