ތުރުކީގެ އިސްތަންބޫލްގައި މިއަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ 11 ވަނަ "ވޯލްޑް ހަލާލް ސަމިޓް އެންޑް ހަލާލް އެކްސްޕޯ 2025" ގައި ދިވެހި އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އެކްސްޕޯގައި ދިވެހި އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުޞަތާއި، އުފެއްދުންތައް ގަނެ ވިއްކުމުގެ ފުރުޞަތު ދިވެހިރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލާފައިވާކަމުގެ މަޢުލޫމާތު އިސްލާމިކް ކޯޕަރޭޝަން (އައި.އޯ.ސީ) ގެ ޖެނެރަލް ސެކްރެޓޭރިއެޓުން ވަނީ ހިއްސާކޮށްފައެވެ.
ނޮވެމްބަރު 26 އިން 29 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި އެކްސްޕޯއަކީ ދިވެހިރާއްޖޭގެ ވިޔަފާރިތަކުން އުފައްދާ އުފެއްދުންތައް އިޝްތިހާރުކޮށް މާކެޓް ކުރުމަށް ލިބޭ މުހިންމު ފުރުޞަތެއްކަމަށް ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
ހަލާލް އެކްސްޕޯއަކީ ހަލާލް ކާބޯތަކެއްޗާއި، ފަތުރުވެރިކަމާއި، ރީތިވުމުގެ ސާމާނު ފަދަ އެކި ދާއިރާތަކުގައި ހިންގާ ކުންފުނިތަކާއި އިންވެސްޓަރުންނާއި ޕްރޮފެޝަނަލުން އެއްތަނަކަށް އެއްވާ ބައިނަލްއަޤްވާމީ ފެއަރއެކެވެ. މި އެކްސްޕޯގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ރަޖިސްޓްރޭޝަން ފޯމާއި އިތުރު މަޢުލޫމާތު helalexpo.com.tr އިން ލިބެން ހުންނާނެއެވެ.
މި އެކްސްޕޯގައި ބައިވެރިވުމަކީ ދިވެހި އުފެއްދުންތައް ބައިނަލްއަޤްވާމީ މާކެޓަށް ތަޢާރަފުކޮށް، އައު ވިޔަފާރީގެ ގުޅުންތައް ޤާއިމުކުރުމަށް ލިބޭ މުހިންމު ފުރުޞަތެއްކަން ފާހަގަކުރެވެއެވެ.



