މޯލްޑިވިއަންގެ ބޯޓުތަކުގައި ތާނަ އަކުރުން 'ދިވެހިރާއްޖެ'

ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ދިމާކޮށް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ މަތިންދާ ބޯޓުތަކުގެ ބޭރުގައި ތާނަ އަކުރުން "ދިވެހިރާއްޖެ" ލިޔުމަށް ނިންމައި، އެ މަސައްކަތް ވަނީ ފަށައިފައެވެ.

މޯލްޑިވިއަންގެ ލިވަރީއަށް ގެނައި މި އައު ބަދަލުގައި، ބޯޓުތަކުގެ ބޭރުގައި ޤައުމީ ދިދައާއެކު ތާނަ އަކުރުން "ދިވެހިރާއްޖެ" ލިޔެފައި ހުންނާނެއެވެ. މިހާރު މި ބަދަލު އެއަރލައިންގެ ވައިޑް ބޮޑީ މަތިންދާ ބޯޓަށް ވަނީ ގެނެސްފައެވެ. މި ބޯޓަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލުން ފުރަތަމަ ޚިދުމަތް ހޯދި ބޯޓެވެ.

"މިއީ ދިވެހި ބަހާއި ތަރިކައަށް އަދި ޤައުމީ ފަޚުރު ރަމްޒުކޮށްދޭ ބަދަލެއް،" މޯލްޑިވިއަންގެ ފަރާތުން ބުނެފައިވެއެވެ. އަދި މި ބަދަލު އެއަރލައިންގެ ހުރިހާ ބޯޓުތަކުންވެސް ފެނިގެންދާނެ ކަމަށް އެ ފަރާތުން ހާމަކޮށްފައިވެއެވެ.

އައިލޭންޑް އޭވިއޭޝަން ސާވިސަސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވެފައިވަނީ، "ޤައުމީ އެއަރލައިންގެ ހައިސިއްޔަތުން 'ދިވެހިރާއްޖެ' މި ބަސް އުދުހުންތަކުގައި ބޭނުންކުރަން ލިބޭ ފުރުސަތަކީ އެއަރލައިނަށް ލިބޭ ފަޚުރެއް" ކަމަށެވެ. އަދި މިއަހަރަކީ ޤައުމީ އެއަރލައިނަށްވެސް މުހިންމު އަހަރެއްކަން ފާހަގަކުރައްވައި، މޯލްޑިވިއަންގެ ބޯޓުތައް އުދުހޭއިރު ދިވެހި ސަގާފަތާއި އަމިއްލަވަންތަކަން ހިފެހެއްޓުމަށް ދޭ ސަމާލުކަން ފެނިގެންދާނެ ކަމަށް ވިދާޅުވިއެވެ.

މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު 25 މަތިންދާބޯޓު ހިމެނެއެވެ. މީގެ ތެރޭގައި ވައިޑް-ބޮޑީ އެއަރބަސް އޭ330، ނެރޯ-ބޮޑީ އެއަރބަސް އޭ320 މަރުކާގެ މަތިންދާބޯޓުތަކާއި، އޭޓީއާރު މަރުކާގެ 5 މަތިންދާބޯޓާއި، ޑޭޝް 8 މަރުކާގެ 9 މަތިންދާބޯޓާއި، އަދި ޑޭޝް 6 މަރުކާގެ ޓްވިންއޮޓާރ 11 މަތިންދާބޯޓު ހިމެނެއެވެ. މި ހުރިހާ ބޯޓެއްގައިވެސް އައު ލިވަރީ ދާދި އަވަހަށް ފެނިގެންދާނެ ކަމަށް ޤައުމީ އެއަރލައިނުން ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ