އައު ޓަރމިނަލް ހުޅުވާ ދުވަހު ބާރުބޮޑުވާނެ ކަމަށް ލަފާކޮށް ފަސިންޖަރުން އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ޓަރމިނަލް ހުޅުވުމަށް މާދަމާ ކުރިއަށް ގެންދާ ހަރަކާތްތަކާއެކު އެއަރޕޯޓު ބާރުބޮޑުވާނެތީ އެކަމަށް ފަސިންޖަރުން ސަމާލުވުމަށް ޤައުމީ އެއަރލައިން މޯލްޑިވިއަނުން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވިއަނުން މިކަން ފާހަގަކޮށްފައިވަނީ ޖުލައި 26 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ފަސެންޖަރ ޓާމިނަލް ހުޅުވުމާ ގުޅިގެން އެއަރޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ޢަދަދު އިތުރުވެ، އެއަރޕޯޓާއި އެ ސަރަހައްދުތަކުގައި ދުއްވާއެއްޗެހި ގިނަވެ، ތޮއްޖެހުން ބޮޑުވާނެކަމަށް ލަފާކުރެވޭތީއެވެ.

މި ކަމާ ގުޅިގެން މޯލްޑިވިއަނުން ވަނީ ބައިނަލްއަޤްވާމީ ދަތުރުތަކުގައި ދަތުރުކުރާ ފަސިންޖަރުން ދަތުރަށް ފުރުމުގެ 3 ގަޑިއިރު ކުރިން އަދި އެތެރޭގެ ދަތުރުތަކުގައި ދަތުރުކުރާ ފަސިންޖަރުން ދަތުރަށް ފުރުމުގެ 2 ގަޑިއިރު ކުރިން އެއަރޕޯޓަށް އައުމަށް އިލްތިމާސްކޮށްފައެވެ.

އަދި ހަމަ އެހެންމެ، ވީހާވެސް އަވަހަށް ޗެކްއިންކޮށް ސެކިއުރިޓީ ކްލިއަރެންސް ފުރިހަމަކުރުމަށާއި ކުރިއާލާ ދަތުރުރާވައި މަގުތައް ތޮއްޖެހޭނެކަމަށް ބަލައި އެއަރޕޯޓަށް ވަގުތު އޮއްވައި އައުމަށްވެސް މޯލްޑިވިއަނުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ފެސެންޖަރ ޓާމިނަލްގެ އެންމެ ފުރަތަމަ ދަތުރު ފަށާނީ ޤައުމީ އެއަރލައިން މޯލްޑިވިއަނުންކަން ވެސް ވަނީ އިއުލާންކޮށްފައެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ