ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވާ ހަރުދަނާކުރުމާއި ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް، ސަޢޫދީ ޢަރަބިއްޔާގެ ސަފީރު ޔަޙްޔާ ހަސަން އަލްޤަޙްޠާނީއާ މިއަދު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މަސްވެރިކަމުގެ ދާއިރާގެ އިތުރުން ރާއްޖޭގެ ނޫ އިޤްތިޞާދު އިތުރަށް ތަރައްޤީކުރުމަށް ކުރެވިދާނެ ކަންތައްތަކާ މެދު މަޝްވަރާކުރެވުނެވެ. އަދި ނޫ އިޤްތިޞާދު ކުރިއެރުވުމަށް ސަޢޫދީން ރާއްޖެއަށް ދެވިދާނެ އެއްބާރުލުމާއި އެހީތެރިކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.
ބައްދަލުވުމުގައި ސަޢޫދީ ފަންޑް ފޯރ ޑިވެލޮޕްމެންޓް މެދުވެރިކޮށް އެ ޤައުމުން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން ސަޢޫދީ ސަފީރު ދެއްވިއެވެ. މީގެ ތެރޭގައި، މ. މުލަކު އަދި ކޫއްޑޫގައި ހުންނަ ކޯލްޑްސްޓޯރޭޖް ކެޕޭސިޓީގެ އިތުރުން ރިސާޗް އެންޑް ކޮންޒަވޭޝަންގެ ދާއިރާގެ ކަންކަން ހިމެނެއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވި ގޮތުގައި މި ބައްދަލުވުމަކީ ވަރަށް އުފެއްދުންތެރި ބައްދަލުވުމެކެވެ. އަދި މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ރާއްޖެއާއި ސަޢޫދީއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިހާރުގެ ސަރުކާރުން ދަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވައި ސިންދަފާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. މިގޮތުން މަސްވެރިންނަށް މިހާރު ދަނީ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުންނެވެ.
 
								
 
											
 
								 
								 
								
 
														
 
														 
														 
														 
														 
														 
														
