ވިލިމާލޭގައި ހުންނަ "ކުޑަކުދިންގެ ހިޔާގައި" ބަލަހައްޓަމުންދިޔަ ޢުމުރުން 18 އަހަރު ނުފުރޭ ކުދިންތަކަކަށް އެތަނުގައި މަސައްކަތްކުރި މުވައްޒަފުންތަކެއް ޖިސްމާނީ، އަދި ނަފްސާނީ އަނިޔާކުރި މައްސަލައިގައި 6 މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.
މިއަދު ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅޫވެފައިވަނީ މި މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ސަމާލުކަމަށް ގެންނެވި މައްސަލައެއްކަމަށެވެ.
އަދި މި މައްސަލާގައި ޖިނާއީ ކުށެއްކަމަށް ތުހުމަތުކުރެވޭ ޢަމަލެއް ހިމެނޭކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފެނިވަޑައިގެން، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން މި މައްސަލަ ތަޙުޤީޤުކުރުމަށް އަމުރެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް 11 އޮކްޓޫބަރު 2020 ދުވަހު ނެރުއްވާފައިވާކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
މި މައްސަލައިގައި ދައުވާކޮށްފައިވަނީ ވިލިމާލެ، ސަމާހިޔާ، މުޙައްމަދު ޝަރީފާއި، ވިލިމާލެ ފަންސި، ހުސައިން އަޙްމަދާއި، ކ. މާލެ، މއ. އަކިރިފުށި ދެކުނުބައި، ނަޖީޙް އަޙްމަދާއި، ކ. މާލެ، ހ. ފޯސީޒަން، އަޙްމަދު ވަނޫދު އަދި ވިލިމާލޭ އާސްމާން މަންޒިލް، ހުސެއިން ހަމްދޫންގެ މައްޗަށެވެ.
މި މީހުންގެ ތެރެއިން މުހައްމަދު ޝަރީފުގެ މައްޗަށް ކޮށްފައިވަނީ ގައިގައި އަތްލުމުގެ ދައުވާ އެވެ. ހުސެއިން އަހުމަދުގެ މައްޗަށް ކޮށްފައިވަނީ ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާ އެވެ.
އަދި އަލީ އަހުސަނާއި، ނަޖީޙް އަހުމަދާއ،ި އަހުމަދު ވަނޫދުގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވާއިރު، ކޮށްފައިވަނީ ގައިގައި އަތްލުމުގެ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅުމުގެ ދައުވާ އެވެ. މީގެ އިތުރުން ހުސެއިން ހަމްދޫންގެ މައްޗަށް ކޮށްފައިވަނީ ބިރުދެއްކުމުގެ ދައުވާ އާއި ގައިގައި އަތްލުމުގެ ދައުވާ އެވެ.
މި މައްސަލާގައި މިހާތަނަށް ދަޢުވާ ހުށަހަޅާފައިވާ މީހުންނާއި، މި މައްސަލާގައި ޝާމިލްވާ އިތުރު މީހުން ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ އިތުރު ޖިނާއީ ކުށުގެ މައްސަލަތައް ތަޙުޤީޤުކުރުމުގެ މަސައްކަތް ތަޙުޤީޤީ އިދާރާތަކުން ގެންދަވަނީ ކުރައްވަމުންކަމަށް އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން އެމައްސަލަތައް ނިމި، މި އޮފީހަށް ލިޔުންތައް ލިބުމުން، ހެއްކާއި ޤަރީނާގެ މައްޗަށް ބަލައި، އެ މައްސަލަތަކުގައިވެސް ދަޢުވާކުރަންޖެހޭކަމަށް ފެންނަ މީހުންގެ މައްޗަށް ދަޢުވާކުރުމުގެ ކަންކަން ކުރިއަށް ގެންދާނެކަމަށް ޕީޖީ އޮފީހުންވަނީ ވިދާޅުވެފައެވެ.




