ރާއްޖޭގައި ދަތުގެ ފަރުވާ ފެށިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި "ހިނިތުން 2025" ގެ ނަމުގައި ބޭއްވޭ ރާއްޖޭގެ ފުރަތަމަ އިންޓަރނޭޝަނަލް ޑެންޓަލް ކޮންފަރެންސް މިއަދު ފަށައިފިއެވެ. މި ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުޙައްމަދެވެ.
ވިލާ ނޯޓިކާ ރިސޯޓުގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތުގައި ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހީމްގެ އިތުރުން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިންނާއި ދާއިރާގެ އެކްސްޕަރޓުން ބައިވެރިވެވަޑައިގެންނެވިއެވެ.
މާލޭ ގްރޫޕް އޮފް ކޮމްޕެނީސްގެ ސީއީއޯ އިބްރާހީމް ޢަބްދުއް ރައްޒާޤް ޙަލީމް ވިދާޅުވި ގޮތުގައި މި ކޮންފަރެންސްގައި ދަތުގެ ފަރުވާއާ ގުޅުންހުރި އެހެނިހެން މެޑިކަލް ދާއިރާތަކުގެ އެކްސްޕަރޓުންވެސް ބައިވެރިވެވަޑައިގަންނަވައެވެ. "އަޅުގަނޑުމެން މަސައްކަތްކުރަނީ އެންމެ ރަނގަޅު އިންޓަރނޭޝަނަލް ސްޓޭންޑަރޑްތަކަށް ޚިދުމަތްތައް ގެނައުމަށް. ޒަމާނީ ވަސީލަތުގެ ގޮތުން އަދި އިންސާނީ ވަސީލަތްވެސް ދަނީ އިތުރުކުރަމުން،" ސީއީއޯ ވިދާޅުވިއެވެ.
އައިޖީއެމް ހޮސްޕިޓަލްގެ ޗެއަރޕަރސަން އެންޑް ހެޑް އޮފް ޑެންޓިސްޓްރީ އެންޑް އޯރޯފޭޝަލް ސަރޖަރީ ޑރ. ނަދީމާ ރަޝީދު ވިދާޅުވީ ކޮންފަރެންސްގެ މައިގަނޑު އަމާޒަކީ ދާއިރާގެ މެދުގައި ގުޅުން ބަދަހިކޮށް، އެންމެ ޒަމާނީ ބަދަލުތަކަށް ޚިދުމަތްތެރިން އަހުލުވެރިކުރުން ކަމަށެވެ. މި ކޮންފަރެންސްގައި ބޭރުގެ 12 އެކްސްޕަރޓުން ކީނޯޓް ސްޕީކަރުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވައެވެ.
1975 ވަނަ އަހަރު ރާއްޖޭގައި ދަތުގެ ފަރުވާގެ ޚިދުމަތް ފެށުނު ފަހުން، މިހާރު މާލޭ ގްރޫޕްސް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ އައިޖީއެމްއެޗް، ދަރުމަވަންތަ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލްގެ އިތުރުން އަމިއްލަ ކްލިނިކްތަކުން މި ޚިދުމަތް ފޯރުކޮށްދެމުން ގެންދެއެވެ. ކޮންފަރެންސްގައި ވޯކްޝޮޕްތަކާއި ޕެނަލް ޑިސްކަޝަންތައް ކުރިއަށްދާނެ ކަމަށް ބައްވާ ފަރާތުން މަޢުލޫމާތު ދެއްވާފައިވެއެވެ.



