ދަތުގެ ދުޅަހެޔޮކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ: މެޑަމް ސާޖިދާ

ދަތުގެ ދުޅަހެޔޮކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. މިފަދައިން އެކަމަނާ ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ ބައިނަލްއަގުވާމީ ޑެންޓަލް ކޮންފަރެންސް "ހިނިތުން" ގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގައި ދަތުގެ ފަރުވާގެ ޚިދުމަތް ފުރަތަމަ ފަހަރަށް ގާއިމުކޮށް، އެ ދާއިރާ ކުރިއެރުވުމުގައި މުޙައްމަދު ސަލީމާއި ޢަލީ ސަލީމް އަދި ޢަބްދުﷲ ސަޢީދު އަދާކުރެއްވި މުހިންމު ދައުރު ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އެ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ. "މި ޚިދުމަތް ރާއްޖޭގައި ގާއިމުކުރިތާ 50 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ދަތުގެ ފަރުވާގެ ދާއިރާއިން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދިފައި" ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

އޯތޮޑޮންޓިކް ޚިދުމަތްތަކާއި ޕެރިޑޮންޓިކް ކެއާރ ފަދަ ޚިދުމަތްތަކަކީ މިހާރު ސަރުކާރުގެ ހޮސްޕިޓަލްތަކާއި އަމިއްލަ ކްލިނިކްތަކުން ފަސޭހައިން ލިބެން ހުންނަ ޚިދުމަތްތަކެއްކަން ފާހަގަކުރައްވައި، މި ދާއިރާއިން ރާއްޖެއަށް ލިބިފައިވާ ކުރިއެރުންތަކަކީ އެކުވެރި ޤައުމުތަކުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ހޯދިފައިވާ ކުރިއެރުންތަކެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، ދަތުގެ ދުޅަހެޔޮކަމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރައްވައި، "ސްކޫލާއި މަސައްކަތުގެ މާހައުލު އަދި މީޑިއާތަކުގައިވެސް އެ ދާއިރާއިން އާންމުން ހޭލުންތެރިކުރުމަށް މަސައްކަތް ކުރަންޖެހޭ" ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ދަތުގެ ދުޅަހެޔޮކަމަކީ އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމާއި މުޅި ސިއްޙަތާވެސް ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވައި، އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. އަދި ރާއްޖޭގައި ދަތުގެ ފަރުވާއަކީ އަގުހެޔޮ އަދި ފެންވަރު ރަނގަޅު ޚިދުމަތަކަށް ހެދުމަށާއި، އެންމެންނަށް ފަސޭހައިން ލިބޭނެ ގޮތްތައް ހޯދުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ