މިދިޔަ ހަފްތާގައި މިފްކޯއަށް މަސްކިރުވި ދޯނިތަކުގެ އަދަދު 55.9 އިންސައްތަ އިތުރުވެއްޖެއެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ ހަފްތާގައި 379 ދޯނިން މަސްކިރުވާފައިވެއެވެ. މިއީ އޭގެ ކުރީ ހަފްތާގައި މަސްކިރުވި 243 ދޯންޏާ އަޅާބަލާއިރު ފާހަގަކުރެވޭ އިތުރުވުމެކެވެ.
މަސްވެރިންނަށް ދޫކުރެވުނު ފައިސާގެ އަދަދުވެސް ވަނީ މަތިވެފައެވެ. މިދިޔަ ހަފްތާގައި މަސްވެރިންނަށް ޖުމްލަ 24,030,291 ރުފިޔާ ދޫކުރެވުނެވެ. މިއީ އޭގެ ކުރީ ހަފްތާގައި ދޫކުރެވުނު 11,300,377 ރުފިޔާއާ އަޅާބަލާއިރު 112.6 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ ހަފްތާގައި އެންމެ ގިނަ ފައިސާ ދޫކުރެވުނީ ހޯމަ ދުވަހުއެވެ. އެދުވަހު 75 ދޯންޏަކުން މަސްކިރުވައި، 5,156,362 ރުފިޔާ ވަނީ ދޫކުރެވިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަން ފެށުމާ ގުޅިގެން މަސްވެރިކަމަށް ނިކުންނަ ދޯނިތަކުގެ އަދަދު އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. މި އައު އުސޫލު ތަންފީޒުކުރަން ފެށީ ފާއިތުވި މަސްވެރިންގެ ދުވަހުގައެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 5 މަސްދުވަހު ރާއްޖެއިން 38,800 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 66 އިންސައްތައިގެ އިތުރުވުމެކެވެ. އެންމެ ގިނައިން އެކްސްޕޯޓްކޮށްފައިވަނީ ފިނިކުރި އަދި ތާޒާ ކަނޑުމަހެވެ.
މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް ހެދުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ވާއިރު، މަސްވެރިކަމުގެ ފެސިލިޓީތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުގެ ފުރަތަމަ 3 އަހަރުގެ ތެރޭގައި ނިންމުމަށް ވަނީ ރޭވިފައެވެ.