ރާއްޖޭގައި ފުރަތަމަ ފަހަރަށް އެޅުމަށް ހަމަޖެހިފައިވާ ކެންސަރު ހޮސްޕިޓަލްގެ އިދާރީ މަސައްކަތްތައް މިހާރު ވަނީ ނިމިފައިކަމަށް ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރުންގެ "އަހާ ފޯރަމް"ގައި ވާހަކަފުޅު ދައްކަވަމުން، ޞިއްޙީ ކަންކަމަކީ ރައްޔިތުންގެ އެންމެ ޙައްސާސް އެއް މައްސަލަކަމަށާއި، ސަރުކާރުން އެކަމަށް އިސްކަންދޭކަމަށް ވަޒީރު ވިދާޅުވިއެވެ. ޚާއްޞަކޮށް ކެންސަރު ބަލި ތަޙައްމަލުކުރާ މީހުންނަށް ބޭސްފަރުވާގެ ފަހި ފުރުޞަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުން ބޮޑު އަހަންމިއްޔަތުކަމެއްދޭ މަސައްކަތެއްކަމުގައި ވެސް ފާހަގަކުރެއްވިއެވެ.
"ކަރުދާހުގެ ލެވެލްގައި ވާންޖެހޭ ހުރިހާ ތައްޔާރީތައް ވަނީ ވެ ނިމިފައި. މަސައްކަތުގެ ޓެކްނިކަލް ފީސިބިލިޓީ ބަލައި، ކޮންސެޕްޓްވެސް ވަނީ އެކުލަވާލާފައި. ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް މާ ލަސްތަކެއް ނުވެ ފެށޭނެ،" ވަޒީރު ވިދާޅުވިއެވެ.
މި ހޮސްޕިޓަލްގެ އިދާރީ މަސައްކަތްތައް ނިމި، މިހާރު ކުރިޔަށްދަނީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގެ މަސައްކަތްކަން ވަޒީރު ހާމަކުރެއްވިއެވެ.
އަދި ކެންސަރު ބަލި ޖެހުމުގެ ކުރިން އެކަމުން ރައްކާވެ ތިބުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ޖެނެރޭޝަން ބޭންއެއް ތަޢާރަފުކޮށް، އީ-ސިނގިރޭޓު ރާއްޖެ އެތެރެކުރުން މަނާކޮށް، އަދި ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުން ހިމެނޭކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
 
								
 
											
 
								 
								 
								

 
														 
														 
														 
														 
														 
														