ދުންފަތާ ދެކޮޅަށް މިކުރާ ޤައުމީ މަސައްކަތުގައި އެންމެން ބައިވެރިވުމަށް ޞިއްޙީ ވަޒީރު ގޮވާލައްވައިފި

ދުންފަތާ ދެކޮޅަށް މިކުރާ ޤައުމީ މަސައްކަތުގައި އެންމެން ބައިވެރިވުމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ގޮވާލައްވައިފިއެވެ.

އެމަނިކުފާނު ވިދާޅުވީ ދުންފަތާ ދެކޮޅަށް ރާއްޖޭން ތަންފީޒުކުރަން ފަށާ "ޖެނެރޭޝަން ބޭން" އަކީ ޤައުމީ މުހިންމު މަސައްކަތެއް ކަމަށާއި، މި ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށް ހުރިހާ އެންމެންގެ ޝާމިލުވުމާއި ބައިވެރިވުން މުހިންމު ކަމަށެވެ. މި ބން ތަންފީޒުކުރަން ފަށާނީ މި ފެށޭ ނޮވެމްބަރު އެކަކުން ފެށިގެންނެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ދުންފަތާ ދެކޮޅަށް ރާއްޖޭން ޖެނެރޭޝަން ބޭން ތަންފީޒުކުރަން ފެށުން ފާހަގަކުރުމަށް ބޭއްވި "ނޭޝެނަލް ޓޯޗް ރަން" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. މި ސިޔާސަތުގެ ދަށުން، 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ ފަރާތްތަކަށް ދުންފަތުގެ އިސްތިޢުމާލުކުރުމާއި ވިއްކުންވެސް މަނާވެގެންދާނެއެވެ. މިގޮތުން ދުންފަތާ ދެކޮޅަށް ޖެނެރޭޝަން ބޭންއެއް ތަންފީޒުކުރާ ފުރަތަމަ ޤައުމަކަށް ރާއްޖެ ވެގެންދާއިރު، މި ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒުކުރުމުގައި އެންމެންގެ ބައިވެރިވުމާއި ޝާމިލުވުން މުހިންމުކަމަށް ވަޒީރު ނާޡިމް ވަނީ އިޝާރާތްކުރައްވާފައެވެ.

ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި ދިމާވާ ޞިއްޙީ ގިނަ މައްސަލަތައް ގުޅިފައިވަނީ ޞިއްޙަތާ ބީރައްޓެހި އަދި ބޮޑެތި ބަލިތަކަށް ހުށަހެޅޭ އާދަތަކާކަމަށެވެ. އެހެންކަމުން، މިފަދަ އާދަތަކުން މުޖުތަމަޢުއާއި ޅަދަރިން ރައްކާތެރިކޮށް، ދުޅަހެޔޮ އާދަތަކަށް ރައްޔިތުން އަހުލުވެރިކުރުވުމަކީ މިއަދު އެންމެ ބޮޑު އިސްކަމެއްދޭންޖެހޭ ކަންތައްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިދިޔަ މެއި މަހުގެ 21 ވަނަ ދުވަހު ޖަނަރޭޝަން ބޭންގެ ޤާނޫނު ތަންފީޒުކުރެއްވުމަކީ ތާރީޚީ ނިންމެވުމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، "މި ނެންގެވި ތާރީޚީ އަދި ބޯލްޑް ނިންމެވުމަށް ދުނިޔޭގެ އެހެނިހެން ޤައުމުތަކުންނާއި ޞިއްޙަތާގުޅުންހުރި އިދާރާތަކުން ތަޢުރީފުކޮށް ރައިސާއި ސަރުކާރަށް ވަނީ އެކަމުގެ ތައުރީފުކޮށްފައި."

ވަޒީރު ވިދާޅުވީ، މި ސަރުކާރުގެ ޞިއްޙީ ދާއިރާގެ މައިގަނޑު އަމާޒަކީ ދުޅަހެޔޮ ފަރުދެއް، ދުޅަހެޔޮ އާއިލާއެއް، ދުޅަހެޔޮ މުޖުތަމަޢެއް އަދި ދުޅަހެޔޮ ދިވެހީންގެ ރާއްޖެއެއް ބިނާކުރުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ޞިއްޙީ ރަނގަޅު މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދުރާލާ ބަލިތަކުން ރައްކާތެރިވުމާއި، ބަލިވުމުން ލިބެންޖެހޭ ފަރުވާގެ ކަންކަން ކަށަވަރުކުރުމަށް ވަށާޖެހޭގޮތެއްގައި މަސައްކަތްކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ދުޅަހެޔޮ ޞިއްޙަތެއް ލިބުމަކީ އިންސާނަކަށް ލިބޭނެ އެންމެ އަގުހުރި ނިޢުމަތްކަމަށާއި، އެ ނިއުމަތަށް ޝުކުރުވެރިވުމަކީ އެ ނިއުމަތަށް އިހުމާލުނުވެ ރައްކާތެރިވުންކަމަށެވެ. އެހެންކަމުން، ދުންފަތާ ދެކޮޅަށް ކުރާ މި ޤައުމީ މަސައްކަތް ކާމިޔާބުކުރުމަށް އެންމެންގެ އެއްބާރުލުމާއި ބައިވެރިވުން ވަރަށް ބޮޑަށް ބޭނުންވާކަމަށް ޞިއްޙީ ވަޒީރު ވަނީ ގޮވާލައްވާފައެވެ.o

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ