ސަރުކާރުން ތަރައްޤީކުރަމުންދާ 4 އައިސްޕްލާންޓް މިއަހަރުގެ ތެރޭގައި ބޭނުންކުރަން ފަށާނެ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މިއަދު ހާމަކޮށްފިއެވެ.
މި މަޝްރޫޢުތައް ކުރިއަށްގެންދަނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ބަޖެޓުގެ ދަށުން ކަމަށާއި، މި ތަންތަން އިމާރާތްކުރުމުގެ މަސައްކަތް ބެލެހެއްޓުމާ ހަވާލުވެފައިވަނީ މިފްކޯއިން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ މަސްވެރިންނަށް އައިސް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ.
މިފްކޯއިން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، ދ. މީދޫގެ އައިސް ޕްލާންޓް އަންނަ މަހު ބޭނުންކުރަން ފެށޭނެއެވެ. އަދި ށ. ފުނަދޫގެ އައިސް ޕްލާންޓަށް ބޭނުންވާ މެޝިނަރީ އިންސްޓޯލް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ފެސިލިޓީގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށޭނެއެވެ.
ދ. ބަނޑިދޫގައި އިމާރާތްކުރަމުންދާ އައިސްޕްލާންޓްގެ މަސައްކަތް އޮކްޓޫބަރު މަހުގައި ފެށޭނެ ކަމަށް މިނިސްޓްރީން ބުނެފައިވާއިރު، މ. ވޭވަށުގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ އައިސްޕްލާންޓްގެ އެއްބަސްވުމުގައި މި މަހުގެ ތެރޭގައި ސޮއިކުރެވި، ޑިސެމްބަރު މަހުގެ ނިޔަލަށް އެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރެވެއެވެ.
މި އައިސްޕްލާންޓްތަކުގެ ކޮންމެ ފެސިލިޓީއެއްގައިވެސް 30 ނުވަތަ 50 ޓަނުގެ މަސް ރައްކާކުރެވޭނެ ޖާގަ ހުންނާނެއެވެ. މިހާރު ތަރައްޤީކުރަމުންދާ ހަތަރު އައިސްޕްލާންޓްގެ އިތުރުން، މިއަހަރު އިތުރު ދެ އައިސްޕްލާންޓް ޤާއިމްކުރުމުގެ ޕްލޭންތައް ވެސް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ އިޢުލާންކޮށްފައެވެ.