ރައީސުލްޖުމްހޫރިއްޔާ، އޯލް ޕާޓީ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުންނާ ބައްދަލުކުރައްވައިފި

އިނގިރޭސިވިލާތާއި ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލިހުގެ މެންބަރުންގެ މައްޗަށް އެކުލަވާލާފައިވާ އޯލް ޕާޓީ ޕާލިމެންޓަރީ ގްރޫޕް (އޭ.ޕީ.ޕީ.ޖީ)ގެ ބައްދަލުކުރެއްވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ދެމިގެން އައިސްފައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުވާލެވުނެވެ.

ބައްދަލުވުން ފައްޓަވައިދެއްވަމުން އޭ.ޕީ.ޕީ.ޖީގެ ކޯ-ޗެއަރ، ޔާސްމީން ޤުރެއިޝީ އެމް.ޕީ ދެއްކެވި ވާހަކަފުޅުގައި، "ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން އިސްނަގަންޖެހޭ" ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ ޤައުމުތަކަށް ބޭނުންވާ މާލީ އަދި ފަންނީ އެހީތެރިކަމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުމަކީ އިޙްތިރާމާއި އުޞޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ. އަދި މި ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން އިސްކަންދޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޢަދުލު އިންސާފުގެ ދާއިރާއާއި، ޑިމޮކްރަސީ ހަރުދަނާކުރުމާއި، މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމާއި، ދިފާޢީ ދާއިރާ ހަރުދަނާކުރުމުގައި އިނގިރޭސިވިލާތުން ދެމުންގެންދާ އެހީތެރިކަމަކީ ފާހަގަކޮށްލެވޭ ކަމެކެވެ. މީގެއިތުރުން، ތަޢުލީމީ އަދި ސަގާފީ ރޮނގުން ދެ ޤައުމުގެ މެދުގައި އޮތް ގުޅުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބައްދަލުވުމުގެ ނިމުމުގައި، ދެ ޤައުމުގެ މެދުގައި އެކި ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ބައިވެރިން މަޝްވަރާކުރެއްވިއެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގައި އޭ.ޕީ.ޕީ.ޖީ.އިން އަދާކުރަމުންދާ ދައުރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ