ފަޤީރުންނާ މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ޒަކާތު ހައުސްއިން މިއަދު ހުޅުވާލައިފިއެވެ. މި ދަފުތަރުގައި ރަޖިސްޓްރީވެވޭނީ އެކަމަށް ޚާއްސަކޮށްފައިވާ ފޯމު މެދުވެރިކޮށްކަމަށް ޒަކާތު ހައުސްއިން މަޢުލޫމާތު ދީފައިވެއެވެ.
ދަފުތަރުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން ފޯމާއެކު ހުށަހަޅަންޖެހޭ މަޢުލޫމާތުތަކުގެ ތެރޭގައި، ފޯމު ހުށަހަޅާ ފަރާތުގެ އަސާސީ މަޢުލޫމާތާއި، ދަރިންގެ މަޢުލޫމާތު އަދި އާމްދަނީއާއި ޚަރަދުތަކާ ގުޅޭ މަޢުލޫމާތު ހިމެނެއެވެ. މި މަޢުލޫމާތުތަކުގެ ތަފްސީލް ފޯމާއެކު ހިމަނާފައިވާކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
ޒަކާތު ހައުސްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިވަގުތު ރާއްޖޭގައި ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި 2،852 މީހުން ވަނީ ދަފުތަރުކޮށްފައެވެ. މި ފަރާތްތަކަށް އެހީގެ ގޮތުގައި ޒަކާތު ފަންޑުން ބޮޑު ޢަދަދެއްގެ ފައިސާ ޚަރަދުކުރަމުން ގެންދެއެވެ. އެގޮތުން ނިމިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 14.2 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
މީގެއިތުރުން، ޚާއްސަ ޙާލަތްތައް މެދުވެރިވެގެން ޙާލުގައި ޖެހޭ ފަރާތްތަކަށް ޟަރޫރީ އެހީގެ ގޮތުގައި 12،000 ރުފިޔާ ޒަކާތު ފަންޑުން ޚަރަދުކޮށްފައިވެއެވެ. އަދި ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް 104 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، މި ބައިން 1.7 މިލިއަން ރުފިޔާ ހަމަޖައްސައި، 1.1 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ޒަކާތު ހައުސް އުފެއްދީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. މިއީ ޒަކާތުގެ ކަންކަން ހަރުދަނާކޮށް، ޒަކާތުގެ ޙައްޤުވެރިންނަށް ޒަކާތުގެ މަންފާ ފޯރުކޮށްދިނުމަށް ސަރުކާރުން އުފެއްދި އިދާރާއެކެވެ.



