އިސްލާމީ ދާއިރާތަކުން މަތީ ތަޢުލީމު ޙާސިލްކުރުމަށް، ޒަކާތު ސްކޮލަރޝިޕް 24 ދަރިވަރަކަށްދީފި

ދިވެހިރާއްޖޭގެ ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ދޭ ޒަކާތު ސްކޮލަރޝިޕް 24 ދަރިވަރަކަށް މިއަދު ދީފިއެވެ. މި ސްކޮލަރޝިޕްތައް ހަވާލުކޮށްފައިވަނީ އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފްގެ އަރިހުންނެވެ.

7 އަހަރުގެ މެދުކެނޑުމަކަށްފަހު ދޫކުރެވުނު މި ސްކޮލަރޝިޕްގެ ފުރަތަމަ ބުރުގައި ފުލް ސްކޮލަރޝިޕް 17 ދަރިވަރަކަށާއި، ޚާއްސަ ސްކޮލަޝިޕް 7 ދަރިވަރަކަށް ވަނީ ދެވިފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވަނީ ދެވަނަ ބުރުގެ ސްކޮލަރޝިޕްތައް ވެސް ވަރަށް އަވަހަށް ހަވާލުކުރެވޭނެ ކަމަށެވެ.

މިއަހަރުގެ ޒަކާތު ސްކޮލަރޝިޕްގެ ދަށުން ޖުމްލަ 50 ފުރުސަތު ވަނީ ހުޅުވާލާފައެވެ. އޭގެ ތެރެއިން 20 ފުރުސަތަކީ ރާއްޖޭގައި ކިޔެވުމަށް ދެވޭ ފުރުސަތުތަކެވެ. އަދި 30 ފުރުސަތަކީ ރާއްޖެއިން ބޭރުގައި ކިޔެވުމަށް ދެވޭ ފުރުސަތުތަކެވެ. މީގެ ތެރޭގައި މެލޭޝިއާ، ބުރުނާއީ، ސައުދީ އަރަބިއްޔާ، މިސްރު އަދި ސާކް ޤައުމުތަކުގައި ކިޔެވުމުގެ ފުރުސަތުތައް ހިމެނެއެވެ.

ޒަކާތު ފަންޑުން މި ސްކޮލަރޝިޕްތަކަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އޭޕްރިލް މަހުގައެވެ. އަދި އެ ފުރުސަތު ހަމަވެފައިވަނީ މެއި މަހުގެ 29 ވަނަ ދުވަހުއެވެ. އެންމެ ފަހުން ޒަކާތު ފަންޑުން ސްކޮލަރޝިޕް ދީފައިވަނީ 2018 ވަނަ އަހަރުގައެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި މިއީ އިސްލާމީ ދާއިރާތަކުން މިހާ ގިނަ އަދަދަކަށް މަތީ ތައުލީމަށް ސްކޮލަރޝިޕް ދެވޭ ފުރަތަމަ ފަހަރެވެ. މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން މެލޭޝިއާ އާއި ބުރުނާއީގައި ކިޔެވުމަށް އެކަނި 17 ފުރުސަތު ވަނީ ކަނޑައަޅާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ