ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ 2025" ގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފިއެވެ. މި މަހާސިންތާ ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.
ޒަކާތު ހައުސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މަހާސިންތާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެއެވެ. މި މަހާސިންތާއަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމު ކުރިއެރުވުމަށް ބާއްވާ މުހިންމު ބައްދަލުވުމެކެވެ.
މި މަހާސިންތާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ޢިލްމުވެރިންނާއި، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރިން އެއްތަނަކަށް ޖަމާކޮށް، އިޖްތިމާޢީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ހަމަޖެހުން ޤާއިމުކުރުމަށް ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ އިސްތިރާޖުތައް އެކުލަވާލުން ހިމެނެއެވެ.
މި އަހަރުގެ މަހާސިންތާގައި "ޚާއްޞަ އިސްކަމެއް ދެވޭނީ ޒަކާތުގެ ކަންކަމުގައި އިޖުތިމާޢީ އަދި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކަށް" ކަމަށް ޒަކާތު ހައުސްއިން ވިދާޅުވިއެވެ. އަދި ޒަކާތުގެ ތެރެއިން މި ޒަމާނުގެ އެކި މައްސަލަތަކަށް ހައްލު ހޯދުމަށާއި ޑިޖިޓަލް އިޤްތިޞާދެއް ބިނާކުރުމުގެ މައްސަލަތަކަށްވެސް މި މަހާސިންތާގައި އަލިއަޅުވާލެވޭނެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤުވާމީ ޒަކާތު ކޮންފަރެންސެއް ބޭއްވިފައިވަނީ 2024 ވަނަ އަހަރުގައި ކަމާއި، މިއީ އޭގެ ފަހުން ބޭއްވޭ ދެވަނަ މަހާސިންތާ ކަމެވެ. މި މަހާސިންތާގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޒަކާތު ހައުސްއިން ޙިއްޞާކޮށްފައިވާ ގޫގުލް ލިންކް މެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެއެވެ.




