އިންޑިއާ ސަފީރު، ނައިބު ރައީސް އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖީ. ބާލަސުބްރަމާނިއަން މިއަދު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްގެ އަރިހަށް، އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު މި ބައްދަލުވުމުގައި، ދެ ޤައުމުގެ ޒަމާންވީ ގުޅުމާއި އެއް ޤައުމުން އަނެއް ޤައުމަށް ދެމުންގެންދާ އެއްބާރުލުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. އަދި ދެ ޤައުމުން ހިއްސާކުރާ މަސްލަހަތުތަކާއި ގިޔަމުތަކުގެ މައްޗަށް ބިނާވެފައިވާ ބަދަހި ގުޅުމަށްވެސް މި ބައްދަލުވުމުގައި އަލިއަޅުވާލެވުނެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ފަރުދީ ފެންވަރުގައި އޮންނަ ގުޅުންތައް ހަރުދަނާކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި މިފަދަ ގުޅުންތަކަކީ ދެ ޤައުމުގެ ގުޅުމުގެ މުހިންމު ބިންގަލެއްކަމުގައި ދެ ބޭފުޅުންވެސް ފާހަގަކުރެއްވިއެވެ.

ބައްދަލުވުން ނިންމަވާލައްވަމުން ނައިބު ރައީސް ވިދާޅުވީ، "އިޙުތިރާމާއެކު، ދެފަރާތަށް ޤަބޫލުކުރެވޭ ހަމަތަކުގެ މަތީގައި މާނަވީ ގޮތެއްގައި މުޢާމަލާތްތަކެއް ކުރިއަށްގެންދިއުމަކީ ދިވެހި ސަރުކާރުގެ އިލްތިޒާމެއް" ކަމުގައެވެ.

މި ބައްދަލުވުން ބޭއްވިފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖުލައި 25 އިން 26 އަށް ދިވެހިރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅާ ދިމާކޮށެވެ. މި ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރެއް ދިވެހިރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުކަން ފާހަގަކޮށްލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ