ކުޑަފަރީ ސިއްޙީ މަރުކަޒުގެ އައު އިމާރާތް އެޅުމަށާއި، މާފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރަން ހަވާލުކޮށްފި

ނ. ކުޑަފަރީ ސިއްޙީ މަރުކަޒުގެ އައު އިމާރާތް ތަރައްޤީކުރުމަށާއި އެއަތޮޅު މާފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް ދެ ސަރުކާރު ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.

ކުޑަފަރީގެ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް 27.6 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަސައްކަތް 360 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މާފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް 10.9 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ. މި މަސައްކަތުގެ ދަށުން 4 އެނދުގެ ވޯޑެއް އިތުރުކުރުމާއި، ޕްރައިވެޓް ރޫމެއް ތަރައްޤީކުރުމުގެ އިތުރުން ނާސް ސްޓޭޝަނާއި މީޓިންގ ހޯލްއާއި ޕަބްލިކް ހެލްތު ޔުނިޓް ތަރައްޤީކުރުމާއި ޕޯޓިކޯއެއް ޤާއިމްކުރުން ހިމެނެއެވެ. މި މަސައްކަތް ނިންމުމަށް 450 ދުވަސް ދީފައިވެއެވެ.

މި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޝަރީފާއި ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޢަބްދުﷲއެވެ. އަދި ފެނަކައިގެ ފަރާތުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އާރިފް އާއި އެމްޓީސީސީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީ ވަނީ ސޮއިކުރައްވާފައެވެ.

މި ދެ މަޝްރޫޢު ފެށުމާއެކު ނ. އަތޮޅުގެ ދެ ރަށެއްގެ ސިއްޙީ ޚިދުމަތް އިތުރަށް ފުޅާވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ބެލެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ