ޤައުމީ ޞިއްޙީ ލެބޯރޓަރީގެ ފީސިބިލިޓީ ހެދުމާއި، ޑިޒައިންކުރަން ޖަރުމަނުގެ ކުންފުންޏަކަށް

ދިވެހިރާއްޖޭގެ ޤައުމީ ޞިއްޙީ ލެބޯރޓަރީ (އެން.އެޗް.އެލް) އެޅުމަށްޓަކައި ކުރަންޖެހޭ ފީސިބިލިޓީ ސްޓަޑީ ހެދުމާއި، ޢިމާރާތް ޑިޒައިންކުރުމާއި، ކޮންސްޓްރަކްޝަން މަސައްކަތްތައް ސުޕަވައިޒް ކުރުމުގެ މުހިންމު މަސައްކަތްތައް ޖަރުމަނުގެ ކުންފުންޏެއް ކަމުގައިވާ ޖައިޓެކް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ 1,230,160.64 ޑޮލަރު (18.9 މިލިޔަން ރުފިޔާ) އަށެވެ. މި އެއްބަސްވުމުގެ ދަށުން، ޤައުމުގެ ޞިއްޙީ ދާއިރާގެ ތަޙުލީލީ ޚިދުމަތްތައް ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެއެވެ.

މި އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲއެވެ. އަދި ޖައިޓެކް ކޮންސަލްޓިންގ ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ހެލްތު އެންޑް ސޯޝަލް އިންފްރާސްޓްރަކްޗަރ، ކްރިސްޓިއަން ޖެމިނޮންއެވެ. މި މަޝްރޫޢު ތަންފީޒުކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި މިހާރު ހަވާލުކުރެވުނު ފީސިބިލިޓީ ދިރާސާތަކާއި ޑިޒައިންގެ މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ. މި މަސައްކަތްތައް ނިމުމުން، ދެވަނަ ފިޔަވަހީގައި އިމާރާތްކުރުމާއި އިކުއިޕްކުރުމުގެ މަސައްކަތްތައް އަންނަ އަހަރު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށް ބަލާއިރު، ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް 90 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެއެވެ. އަދި 145 ދުވަހުގެ ތެރޭގައި ޑިޒައިންގެ މަސައްކަތް ނިންމުމަށްފަހު، ކޮންސްޓްރަކްޝަން މަސައްކަތުގެ ޓެންޑަރ ޑޮކިޔުމަންޓްސް ތައްޔާރުކުރުމާއި، ކޮންސްޓްރަކްޝަން ސުޕަވަވިޝަން މަސައްކަތް ވެސް މި ކުންފުނިން ކުރިއަށް ގެންދާނެއެވެ. މި މަޝްރޫޢަށް ފަންޑު ކޮށްފައިވަނީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކާއި ދިވެހި ސަރުކާރުން ގުޅިގެންނެވެ.

ސިއްޙީ ވުޒާރާއިން ފާހަގަކުރައްވާ ގޮތުގައި، މިވަގުތު ޤައުމީ ޞިއްޙީ ލެބޯރޓަރީ ހިންގަމުން ދަނީ ވުޒާރާގެ އިމާރާތެއްގައި ޖާގައިގެ ދަތިކަމާއެކުގައެވެ. މިކަމުގެ ސަބަބުން ޚިދުމަތް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ގިނަ ގޮންޖެހުންތަކެއް ހުރެއެވެ. އެހެންކަމުން، ހުޅުމާލޭގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ މި ލެބޯރޓަރީއަކީ ބަޔޯސޭފްޓީގެ ލެވެލް 3 (ބީ.އެސް.އެލް-3) ގެ މިންގަނޑުތަކަށް ތަރައްގީކުރެވޭ އެޑްވާންސް ފެންވަރުގެ ލެބޯރޓަރީއެކެވެ. މި ޢިމާރާތް ތަރައްގީ ކުރެވޭނީ 12 ފަންގިފިލާއަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކުގައެވެ.

މި ޒަމާނީ ލެބޯރޓަރީ ޤާއިމުވުމާއެކު، ޞިއްޙީ ދާއިރާގެ ތަޙުލީލީ ޚިދުމަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. ވުޒާރާއިން ވިދާޅުވާ ގޮތުގައި، މި ލެބޯރޓަރީގައި ވައިރޮލޮޖީ ރިސްކް ލެވެލް 2 އާއި 3 ގެ ވައިރަސްތައް ތަޙްލީލުކުރުމުގެ އިންތިޒާމުތައް ޤާއިމު ކުރެވިގެންދާނެއެވެ. އަދި ބެކްޓީރިއޮލޮޖީގެ އިތުރުން މައިކޮލޮޖީ (ފަންގަސް ދިރާސާކުރުން)، އެންޓޮމޮލޮޖީ (ސޫފާސޫފި ދިރާސާކުރުން) އަދި ޕެރަސައިޓޮލޮޖީގެ (ބަލިޖައްސާ ފަނިފަކުސަ ދިރާސާކުރުން) ދާއިރާތަކުން ދިރާސާތަކާއި ތަހުލީލުތައް ކުރެވޭނެއެވެ. މީގެ އިތުރުން، މިހާރު ދެވޭ ކާބޯތަކެއްޗާއި ބޭސް ތަހުލީލު ކުރުމުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރެވޭނެއެވެ. މި އިމާރާތުގައި ޤައުމީ އިންފްލުއެންޒާ ސެންޓަރ ވެސް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ