މިލަދުންމަޑުލު ދެކުނުބުރީ މާފަރުގައި އަލަށް ޤާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައި، އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވުނީ ރައީސުލްޖުމްހޫރިއްޔާ އެ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ރަސްމިއްޔާތުގައި ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާންއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ބިންގާ އެޅުއްވުމަށްފަހު މަޝްރޫޢުގެ އަމަލީ މަސައްކަތް ވަޒީރު ވަނީ ފައްޓަވައި ދެއްވާފައެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށް ފަށްޓަވާފައިވާ މަޝްރޫޢެކެވެ. މާފަރުގައި ފުލުހުންގެ މަރުކަޒު އެޅުމުގެ މަސައްކަތް ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ހަވާލުކޮށްފައެވެ.
ސަރުކާރުން މި ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކޮށް، ދިވެހި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމަށް ވަނީ އަމާޒު ހިފާފައެވެ. މިގޮތުން މިހާރުވެސް ފުލުހުންގެ މަރުކަޒުތައް ނެތް ގިނަ ރަށްރަށުގައި މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފެށިފައެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވުމުން، އަމާން މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ. ރައީސުލްޖުމްހޫރިއްޔާ މި މަހުގެ 21 އިން 25 އަށް ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މާފަރު ހިމެނޭ ގޮތަށް 13 ރަށަކަށް ވަޑައިގަންނަވާނެއެވެ.



