ނ.ލަންދޫގެ ތަރައްޤީއަށް ވެވަޑައިގެންފައިވާ ވަޢުދުތަކުގެ ބޮޑު ބައެއް މިއަހަރު ކުރިއަށްދާނެކަމަށް ވިދާޅުވެ، އެރަށުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުންމީދު ދެއްވައިފިއެވެ.
މިކަން އެމަނިކުފާނު ހާމަކުރެއްވީ ލަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބުގައި ލަންދޫއަށް ވެވަޑައިގެންނެވި ވަޢުދުތައް ފުއްދުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. މިގޮތުން، ލަންދޫގެ ސިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ފުޅާކުރުމަށްޓަކައި ބޭނުންވާ ވަސީލަތްތަކާއި މުވައްޒަފުން ހަމަކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ލަންދޫގައި ޤާއިމްކުރުމަށް ރޭވިފައިވާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތްވެސް ފެށިފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި "ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި މޫދަށް އަރާ ސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތް ސެޕްޓެމްބަރުގައި ކޮންޓްރެކްޓް ކުރެވި، ނޮވެމްބަރުގައި އަމަލީ މަސައްކަތް ފެށޭނެ" ކަމަށް ރައީސް ވިދާޅުވިއެވެ.
ސްކޫލްގެ ތަރައްޤީއަށް ބަލާއިރު، އައު ޢިމާރާތުގެ މަސައްކަތް ކުރިއަށްދާއިރު، ސްޓާފްރޫމާއި އިތުރު ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޚާއްޞަކޮށް އަންހެނުންގެ ކުޅިވަރުތަކުގެ ތެރެއިން ހޭންޑްބޯލް މަޝްރޫޢު ވަރަށް ގިނަ ރަށްރަށުގައި ކުރިއަށް ގެންދެވޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، އައިސްޕްލާންޓްގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމުމަށް ރޭވިފައިވާކަމަށާއި، ފެނުގެ ނިޒާމު ޤާއިމްކުރުމަށް ބޭނުންވާ ވަސީލަތްތައް ރަށަށް ގެނެވި، އެ މަސައްކަތްވެސް އަވަހަށް ފެށޭނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. ރައީސް އުންމީދު ފާޅުކުރެއްވީ މި ހުރިހާ މަޝްރޫޢުތަކެއްގެ ނިމުން ފާހަގަކުރުމަށް އަލުން ލަންދޫއަށް ވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ ކަމަށެވެ.