ރާއްޖެއަށް މުދާ އެތެރެކުރުމަށް ވިޔަފާރިތަކަށް ދޭ ޑޮލަރ ސަޕޯޓަށް ބޭނުންވާ ޑޮލަރު ހިމެނޭހެން ރާއްޖޭގެ ބޭންކުތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ ޑޮލަރުގެ ނިސްބަތް 10 އިންސައްތަ އިތުރު ކުރުމަށް ނިންމައިފިއެވެ. މި ބަދަލަށް މި ހަފްތާއިން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މި ބަދަލާއެކު، ބޭންކުތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ ޑޮލަރުގެ ނިސްބަތް 40 އިންސައްތައަށް އިތުރުވެގެންދާނެ ކަމަށް އެމްއެމްއޭއިން ފާހަގަކޮށްފައިވެއެވެ. މި އަހަރުގެ ޖޫން މަހުން ފެށިގެން ކޮންމެ ހަފްތާއަކު ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ ބޭރު ފައިސާގެ ނިސްބަތް 60 އިންސައްތައިން 90 އިންސައްތައަށް މަތިކޮށްފައިވާއިރު، މީގެ 60 އިންސައްތަ ބޭނުންކުރަނީ ސަރުކާރުގެ އެކި ބޭނުންތަކަށާއި ރިޒާވް އިތުރުކުރުމަށެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި، ދާދި ފަހުން ގެނެވުނު ބަދަލާއެކު ބޭންކުތަކުން އިތުރަށް މާރުކުރާ 30 އިންސައްތަ އަލުން އަނބުރާ ބޭންކުތަކަށް ކޮންމެ ހަފްތާއަކު ދަނީ ވިއްކަމުންނެވެ. މި ފައިސާ ބޭނުންކުރެވެނީ އާންމުންގެ އެކިއެކި ޒަރޫރީ ބޭނުންތަކަށާއި، ކާބޯތަކެތި އެތެރެކުރުން ފަދަ ކަންކަމަށެވެ. އަދި މީގެ ބޮޑު ބައެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންކުރެވެއެވެ.
އެމްއެމްއޭއިން ވިދާޅުވި ގޮތުގައި، މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްސަދަކީ ކޮންމެ ހަފްތާއަކު ބޭންކުތަކުން ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށްވުރެ ހަރުދަނާ އަދި ހަމަހަމަ ނިޒާމެއްގެ ތެރެއިން، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކުން ހަމަޖައްސައިދިނުމެވެ.
ބޭރުފައިސާއާ ބެހޭ ޤާނޫނުގެ ދަށުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ފެށި ފަހުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 364 މިލިޔަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވާ ކަމަށް އެމްއެމްއޭއިން ހާމަކޮށްފައިވެއެވެ. އަދި މިއަހަރު ދަރަނި އަދާކުރުމަށް 174 މިލިޔަން ޑޮލަރު ޚަރަދުކޮށްފައިވާއިރު، މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ދަރަންޏަށް ދައްކާފައިވާ އަދަދަށްވުރެ 51 އިންސައްތަ އިތުރު އަދަދެކެވެ.



