-
ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު 8 ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތަކެއްގައި މިއަދު ސޮއިކުރެވިއްޖެއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި އެއްބަސްވުންތަކުގެ ތެރޭގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމުކުރުމަށް މަޝްވަރާތައް ފެށުމާއި، 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފްރޭމްވޯކް އެއްބަސްވުމާއި، ޑޮލަރ ކްރެޑިޓް ލައިން އެއްބަސްވުން ހިމެނެއެވެ. މީގެ އިތުރުން މަސްވެރިކަމާއި އެކުއަކަލްޗަރގެ ދާއިރާއިންނާއި، ކޮލިޓީ ބޭސް ފޯރުކޮށްދިނުމާއި، މޫސުމާބެހޭ ޢިލްމާއި ޖައްވުގެ ޢިލްމާއި ތިމާވެށި މޮނިޓަރކުރުމުގެ ދާއިރާއިން އޮނިގަނޑެއް ޤާއިމުކުރުމާ ބެހޭ އެއްބަސްވުންތަކުގައިވެސް ވަނީ ސޮއިކުރެވިފައެވެ.
އަދި ޑިޖިޓަލް ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ކްރޮސް ބޯޑަރ ރެމިޓެންސް އެއްބަސްވުމުގައިވެސް ދެ ޤައުމުގެ މެދުގައި ސޮއިކުރެވުނެވެ. މި އެއްބަސްވުންތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ކަމާގުޅޭ ވަޒީރުން ސޮއިކުރައްވާފައިވާއިރު، އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރައްވާފައިވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ވަޒީރުންނާއި ޚާރިޖިއްޔާގެ އިސް ބޭފުޅުން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގެންފައެވެ.
މި އެއްބަސްވުންތަކަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ދެ ޤައުމަށް ފައިދާތަކެއް ލިބިގެންދާނެ އެއްބަސްވުންތަކެއް ކަމުގައި ބެލެވެއެވެ.




