ހަވާއެރުވުމުގެ ކުލަގަދަ ރަސްމިއްޔާތަކާއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް މިއަދު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒެވެ.
ރަސްމިއްޔާތުގައި ވެލާނާ އެއަރޕޯޓުގެ ދިގު ތާރީޚާއި ތަރައްޤީގެ މުހިންމު އުސްއަލިތައް ހިމެނޭ ޚާއްސަ ރިޕޯޓެއް ހުށަހެޅުމުގެ އިތުރުން، ތިއޭޓްރިކަލް ޕާފޯމަންސްއަކާއި ޑްރޯން ޝޯއެއް ވެސް ބޭއްވިއެވެ. ޑްރޯން ޝޯގައި މިނިވަންކަމާއި އެއަރޕޯޓުގެ ޚިދުމަތްތަކުގެ ރަމްޒުތައް ދައްކާލިއެވެ.
72,000 އަކަ މީޓަރުގެ ސަރަހައްދެއްގައި ތަރައްޤީކޮށްފައިވާ މި އައު ޓަރމިނަލްގައި 47 ޗެކިން ކައުންޓަރާއި، ރާއްޖެއަށް އަލަށް ތަޢާރަފްކުރެވޭ 6 ސެލްފް ސަރވިސް ޗެކިން ކިއޮސްކް ހިމެނެއެވެ. މީގެއިތުރުން ސީޕްލޭންއަށް ޚާއްސަ 24 ޗެކިން ކައުންޓަރު ވަނީ ޤާއިމްކޮށްފައެވެ.
އައު ޓަރމިނަލްގައި ފުރާ ފަސިންޖަރުންނަށް 20 އަށްވުރެ ގިނަ އިމިގްރޭޝަން ކައުންޓަރާއި 6 އީގޭޓް ހުންނައިރު، އަންނަ ފަސިންޖަރުންނަށް 28 އިމިގްރޭޝަން ކައުންޓަރާއި 7 އީގޭޓް ވަނީ ޤާއިމްކޮށްފައެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް 12 އެއިރޯ ބްރިޖް ބޭނުންކުރަން ފެށުމެވެ.
އެމްއޭސީއެލްއިން ހާމަކުރި ގޮތުގައި، ޓަރމިނަލްގެ ޚިދުމަތް ފުރަތަމަ ފޯރުކޮށްދޭނީ މޯލްޑިވިއަން އެއަރލައިންއަށެވެ. އަދި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޓަރމިނަލް ފުރިހަމައަށް ހިންގަން ފެށުމަށް ވަނީ ރޭވިފައެވެ.



