ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ކޯޓު އިމާރާތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި އިމާރާތް ރަސްމީކޮށް ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ހުޅުމާލެ ފޭސް އެކެއްގައި، ޓްރީޓޮޕް ހޮސްޕިޓަލުގެ ކައިރީގައި ތަރައްޤީކޮށްފައިވާ ޖަސްޓިސް ބިލްޑިންގް އެނެކްސްގައި ޑްރަގް ކޯޓާއި ކްރިމިނަލް ކޯޓު ހިންގުމަށް ބޭނުންވާ އެންމެހައި ވަސީލަތްތައް ވަނީ ޤާއިމްކޮށްފައެވެ. މި އިމާރާތުގައި 15 ކޯޓު ރޫމް ޤާއިމްކޮށްފައިވާއިރު، 17 ފަނޑިޔާރުން މަސައްކަތް ކުރައްވާނެއެވެ. އޭގެ ތެރެއިން 5 ފަނޑިޔާރުންނަކީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނެވެ. އަދި 12 ފަނޑިޔާރުންނަކީ ޑްރަގް ކޯޓުގެ ފަނޑިޔާރުންނެވެ.
އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛް އަމްޖަދު މުސްތަފާ، ބަންޑާރަ ނައިބު އަހުމަދު އުޝާމް، އަދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛް ހުސެއިން ރިޒާ ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މަޤާމުން ރިޓަޔަރ ކުރެއްވި އުއްތަމަ ފަނޑިޔާރު މުޢުތަސިމް އަދުނާންވެސް ވަޑައިގެންނެވިއެވެ.
މި އިމާރާތުގައި ފަނޑިޔާރުންނަށް ޚާއްޞަ ބިއުރޯއެއް ޤާއިމްކޮށްފައިވާއިރު، ދައުލަތުގެ ވަކީލުންނާއި ދިފާޢީ ވަކީލުންނަށް ޚާއްޞަ ރޫމްތަކެއްވެސް ހިމެނެއެވެ. އިމާރާތުގެ ފުރަތަމަ ޝަރީޢަތް ތާވަލްކޮށްފައިވަނީ މިއަދު 4:30 ގައި ކުރިއަށް ގެންދާ ގޮތަށެވެ. އެއީ ބަންދާ މެދު ގޮތެއް ނިންމުމުގެ މައްސަލައެކެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މައްސަލަތަކުގެ އަޑުއެހުންތައް ލަސްވެ، ޙުކުމަކާ ހަމައަށް ވާޞިލުނުވެ ދިގުލައިގެން ދިއުމެވެ. މި މައްސަލަ ހައްލުކުރުމަށް ހުޅުމާލޭގައި ސުޕީރިއަރ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް މިއަހަރު ފެށުމަށް ވަނީ ހަމަޖެހިފައެވެ.



