ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓުގެ އައު ޕެސެންޖަރ ޓާމިނަލްގެ ފުރަތަމަ ބައިނަލްއަޤްވާމީ ދަތުރު ފެށިގެން ގޮސްފައިވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓަކުންނެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤައުމީ އެއަރލައިނަށް ދެއްވާ ޚާއްސަ އިސްކަމުގެ ދަށުން ނިންމާފައިވާ ކަމެކެވެ.
އައު ޓާމިނަލްގެ ފުރަތަމަ ފްލައިޓަކީ މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓެއް ކަމުގައިވާއިރު، މިއަދު މެންދުރުފަހު ކޮޗިންއިން ގާތްގަނޑަކަށް 100 ފަސިންޖަރުންނާއެކު ރާއްޖެ އައި މި ބޯޓަށް ވޯޓަރ ސެލިއުޓެއްވެސް ދީފައިވެއެވެ. މި ތާރީޚީ ދަތުރުގައި ކްރޫ މެންބަރުން ތިބީ ދިވެހި ހެދުމުގައި ކަމަށްވާއިރު، އަންހެން ކްރޫއިން ދިވެހި ދިގު ހެދުމުގައި ތިބިއިރު، ފިރިހެން ކްރޫއިން ތިބީ މުންޑާއި ހުދު ގަމީހުގައެވެ.
ފްލައިޓުން ވަޑައިގެންނެވި ފަސިންޖަރުންނަށް އޭރޯ ބްރިޖް މެދުވެރިކޮށް އައު ޓާމިނަލަށް ވަދެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަތެވެ. މި ތާރީޚީ ވަގުތުގައި ފަސިންޖަރުންނަށް މަރުޙަބާ ދެންނެވުމަށް ދައުލަތުގެ އިސް ބޭފުޅުންނާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ ތެރޭގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު އަދި ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ހިމެނިވަޑައިގަންނަވައެވެ.
އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވި ގޮތުގައި، މޯލްޑިވިއަންގެ ފްލައިޓް ތަޖުރިބާއަށްފަހު، ޓާމިނަލް ހުޅުވާލެވޭނީ އެހެން އެއަރލައިންތަކުގެ ނެރޯ ބޮޑީ ފްލައިޓްތަކަށެވެ. މިގޮތުން ގާތްގަނޑަކަށް 200 ފަސިންޖަރުންގެ އެއަރކްރާފްޓްތަކަށް ޚިދުމަތް ދިނުމަށް 9 އެއަރލައިނެއް މިހާރު ވަނީ ކަނޑައަޅާފައެވެ. އަދި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބޮޑެތި އެއަރލައިންތަކަށް ޚިދުމަތް ދޭން ފެށޭނެ ކަމަށް ބެލެވެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ހުޅުވުމުގެ ރަސްމިއްޔާތުގައި ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާއިރު، އޭގެ ތެރޭގައި ޑްރޯން ޝޯއަކާއި، ތިއޭޓްރިކަލް ހުށަހެޅުމަކާއި، އެއަރޕޯޓުގެ ތާރީޚީ ރިޕޯޓެއް ހުށަހެޅުން ހިމެނެއެވެ.




