ލަންކާގެ ރައީސް ދިސާނަޔަކަ މާލެ ވަޑައިގަތުމުން ހޫނު މަރުޙަބާއެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް އަވަށްޓެރި ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ހަވީރު މާލެއަށް ވަޑައިގެންނެވުމުން ރަސްމީކޮށް މަރުޙަބާ ދަންނަވައިފިއެވެ.

ޖުމްހޫރީ މައިދާނުގައި ބޭއްވުނު ރަސްމިއްޔާތުގައި ލަންކާގެ ރައީސަށް މަރުޙަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި ސްކޫލު ދަރިވަރުންގެ ޘަޤާފީ ހުށަހެޅުމަކާއި، 21 ބަޑީގެ ސަލާމް އަރުވައި، ދެ ޤައުމުގެ ޤައުމީ ސަލާމް ދިވެހި އަސްކަރީން ވަނީ ކުޅެފައެވެ.

ރަސްމިއްޔާތުގައި ލަންކާގެ ރައީސް ވަނީ އެމަނިކުފާނުގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް އިންސްޕެކްޓް ކުރައްވައި، ދިވެހި ދަޢުލަތުގެ އިއްޒަތްތެރީންނާ ތަޢާރަފުވެވަޑައިގަތުމުގެ އިތުރުން ސްރީލަންކާގެ ވަފުދުގެ ބޭފުޅުން ތަޢާރަފުކޮށްދެއްވާފައެވެ.

މި ދަތުރުފުޅުގައި ދެ ޤައުމުގެ ރައީސުން ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދެވުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްވަރާތަކުގައި ދެ ޤައުމުގެ ދެމެދު އެއްބާރުލުން ގާއިމުކޮށްފައިވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭ ކަންކަން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މިއީ ލަންކާގެ ރައީސް އަނުރަ ކުމާރަ ދިސާނަޔަކަ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. މި ދަތުރުފުޅު ދިމާވަނީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރެވުނުތާ 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ. ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 1965 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ