ރައީސުލްޖުމްހޫރިއްޔާ އާއި ސްރީލަންކާގެ ރައީސް ގުޅިފައިވާ ބަޔާނެއް ދެއްވައިފި

  • ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ދެ ޤައުމުގެ މެދުގައި ބޭއްވުނު ރަސްމީ މަޝްވަރާތަކަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ސްރީލަންކާގެ ރައީސް ގުޅިފައިވާ ބަޔާނެއް މިއަދު ހަވީރު ރައީސް އޮފީހުގައި ދެއްވައިފިއެވެ.

    ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ސްރީލަންކާއަކީ އިންޑިއާ ކަނޑުން ގުޅިފައިވާ، ގާތް ގުޅުމެއް އޮތް ދެ ޤައުމުކަން ފާހަގަކުރެއްވިއެވެ. އަދި މިއަހަރަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރުގެ އިތުރުން، ދެ ޤައުމުގެ މެދުގައި ސިޔާސީ ގުޅުން ޤާއިމުކުރިތާވެސް 60 އަހަރު ފުރޭ އަހަރުކަން ފާހަގަކުރެއްވިއެވެ.

    މަޝްވަރާތަކުގައި ވިޔަފާރި، ދިފާޢީ، ތަޢުލީމީ، ވޮކޭޝަނަލް ތަމްރީނު، ޒުވާނުންނާއި ކުޅިވަރު، ތިމާވެށި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރެވުނެވެ. އަދި މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުން ދޭހަކޮށްދެނީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުންވެސް ދެއްވާ އިސްކަމެވެ.

    ސްރީލަންކާގެ ރައީސް ޑިސަނާޔަކެ ދެއްކެވި ވާހަކަފުޅުގައި، ދެ ޤައުމަކީ ޘަޤާފީ ގުޅުންތައް ހިމެނޭ ޖަޒީރާ އަވަށްޓެރިން ކަމަށް ފާހަގަކުރައްވައި، ތަޢުލީމު، ވިޔަފާރި، އިންވެސްޓްމަންޓް، ފަތުރުވެރިކަން، ދެމެހެއްޓެނިވި މަސްވެރިކަމާއި ދަނޑުވެރިކަން އަދި ޒުވާނުން ބާރުވެރިކުރުވުމުގެ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

    ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސްރީލަންކާގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ޙައްލުކުރެއްވުމަށް ރައީސް ޑިސަނާޔަކެ ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކަށް ތަޢުރީފުކުރައްވައި، އެ ޤައުމުގެ އިޤްތިޞާދު އިތުރަށް ކުރިއަރައިގެންދާނެކަމުގެ ޔަޤީންކަން ފާޅުކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ