ފަރުކޮޅުފުށި ސަރަޙައްދު ބޮޑު ޕާކެއްގެ ގޮތުގައި ތަރައްޤީކުރަނީ

ހުޅުމާލެ ފޭސް 2 ގެ މައި ޕާކު އޭރިއާއެއްގެ ގޮތުގައި ފަރުކޮޅުފުށި ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. މިއީ މިއަހަރު އިފްތިތާހުކުރި ހުޅުމާލޭގެ އައު މާސްޓަރ ޕްލޭންގައި ހިމެނޭ އެންމެ މުހިންމު އެއް މަޝްރޫޢުއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅޭތާ 5 އަހަރު ވެގެން ދިޔައިރުވެސް، އާންމުން އެއްވެ އުޅެވޭނެ އެކަށީގެންވާ ޕާކެއް ނުވަތަ ގްރީން ސްޕޭސްއެއް ނެތުމުން، މި މަޝްރޫޢު ވެގެންދާނީ އެ ސަރަޙައްދުގެ ރައްޔިތުންނަށް ލިބޭ ވަރަށް މުހިންމު ޚިދުމަތަކަށެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ފަރުކޮޅުފުށި ޕާކުގައި އައުޓްޑޯ ޖިމެއް، ފުޓްބޯޅަ ޕިޗެއް އަދި އެހެނިހެން ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ޤާއިމުކުރާނެއެވެ. މީގެ އިތުރުން، ބާބަކިއު އޭރިއާއަކާއި ކެފޭ/ރެސްޓޯރަންޓް ޚިދުމަތްވެސް އެ ސަރަޙައްދުން ލިބެން ހުންނާނެއެވެ.

ޕާކުގެ މުހިންމު އެއް ބައެއްގެ ގޮތުގައި، ދުވަސްވީ "އެސްޖެހި ގެ" އިމާރާތް ހިމެނެއެވެ. އެޗްޑީސީން ވިދާޅުވި ގޮތުގައި މި އިމާރާތް މަރާމާތުކޮށް، ކެފޭ/ރެސްޓޯރެންޓެއްގެ ގޮތުގައި ބޭނުންކުރެވޭނެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އާބާދީ މިހާރުވެސް ލައްކައަކާ ގާތްކުރާއިރު، އަލަށް ނިމެމުންދާ 4000 ހައުސިންގ ޔުނިޓާއެކު އާބާދީ އިތުރަށް ބޮޑުވާނެކަމަށް ބެލެވެއެވެ. އެހެންކަމުން، މި މަޝްރޫޢުއަކީ އިތުރުވަމުންދާ އާބާދީގެ އިޖްތިމާޢީ ބޭނުންތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުއެއްކަމަށް އެޗްޑީސީން ފާހަގަކުރައްވައެވެ.

އައު މާސްޓަރ ޕްލޭންގައި ހުޅުމާލެ ފޭސް 2 ގައި އިތުރު ގްރީން ސްޕޭސްތައް ތަރައްޤީކުރުމަށްވެސް ރޭވިފައިވާކަން ފާހަގަކުރެވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ