މިފްކޯގެ ޝޯވް ރޫމެއް ލަންކާގައި ހުޅުވުމަށް ދިރާސާތައް ކުރަމުންދާ ކަމަށް ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދު ވިދާޅުވެއްޖެއެވެ. މި މަޢުލޫމާތު ހާމަކުރެއްވީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސެނާޔަކެ ދިވެހިރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، ދިވެހިންނަށް އެ ޤައުމުގައި އިންވެސްޓް ކުރުމަށް ފަހި މާހައުލެއް އޮތް ކަމަށް ފާހަގަކުރެއްވުމާ ގުޅިގެންނެވެ.
ސަފީރު މަސްޢޫދު އިމާދު ވިދާޅުވި ގޮތުގައި ލަންކާގައި ދިވެހި މަހަށް ބޮޑު މާކެޓެއް އެބައޮތެވެ. "އެބޭފުޅުން ހުށަހަޅުއްވާފައި އެބައޮތް އެކޮޅުގައި، ފެކްޓަރީ ހަދައިގެން ދިވެހިން އޮޕަރޭޓް ކުރާ ގޮތަށްވެސް. މިފްކޯވެސް އެބަ ވިސްނަވާ ސްރީލަންކާގައި ޑިސްޓްރިބިއުޝަން ސެންޓަރެއް ހުޅުވާފައި ޝޯވް ރޫމެއްވެސް ހުޅުވާ ހަދަން،" ސަފީރު ވިދާޅުވިއެވެ.
ދިވެހި މަހާއި މަހުގެ އުފެއްދުންތަކަކީ ޒަމާނުއްސުރެ އަވަށްޓެރި ޤައުމުތަކުގައި މަޝްހޫރު އަދި މަޤުބޫލުކަން ހޯދާފައިވާ އުފެއްދުންތަކެކެވެ. ސްރީލަންކާގައި "އުމްބަލަކަޑަ" ގެ ނަމުން މަޝްހޫރުވެފައިވާ ދިވެހި މަހުގެ އުފެއްދުންތަކަށް އެ ޤައުމުގައި ޑިމާންޑު އޮތް ނަމަވެސް ފަހަކަށް އައިސް އެ އުފެއްދުންތައް ވިއްކާ މިންވަރު ދަށްވެފައިވާކަން ފާހަގަކުރެވެއެވެ.
ސްރީލަންކާއިން ވަނީ މަސްވެރިކަމުގެ ދާއިރާއިން އިންވެސްޓްމެންޓް ހޯދުމަށް ޝައުޤުވެރިކަން ފާޅުކޮށްފައެވެ. އަދި ދިވެހިންގެ ދެމެހެއްޓެނިވި މަސްވެރިކަމުގެ އުކުޅުތައް ދަސްކުރުމަށްވެސް ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ. "ސްރީލަންކާގެ ފިޝަރީސް މިނިސްޓަރ އަޅުގަނޑަށް ވިދާޅުވެފައި އެބަވޭ ތިމަންނަމެންގެ މީހުންނަށް ޕޯލް އެންޑް ލައިން މަސްވެރިކަން ކުރަން ދަސްކުރެވޭނެ މަގެއް ފަހިކޮށްދޭށޭ،" ސަފީރު މަސްޢޫދު އިމާދު ވިދާޅުވިއެވެ.
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސެނާޔަކެ މިމަހުގެ 28 އިން 30 އަށް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، ދިވެހިންނަށް ލަންކާގައި އިންވެސްޓް ކުރެވޭނެ ދާއިރާތައް ހިއްސާކުރައްވާފައިވެއެވެ. މިފްކޯގެ އައުޓްލެޓެއް ލަންކާގައި ހުޅުވިއްޖެނަމަ، އެއީ ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރި އިތުރަށް ފުޅާވެގެންދާނެ ކަމެއް ކަމުގައި ބެލެވެއެވެ.