އާރްޓީއެލް ފެރީ ބަނުމަށް އިންޑިއާއިން 100 މިލިޔަން ރުފިޔާގެ ހިލޭ އެހީއެއް

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ޚިދުމަތަށް 12 ފެރީ ބަނުމަށާއި އުނގޫފާރުގައި ފެރީ ޓަރމިނަލެއް ތަރައްޤީ ކުރުމަށް އިންޑިއާ ސަރުކާރުން 100 މިލިޔަން ރުފިޔާގެ ހިލޭ އެހީއެއް ދީފިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ޔާސިރު ވިދާޅުވި ގޮތުގައި، މިވަގުތު 4 ފެރީއެއް ބަނުމުގެ މަސައްކަތް ކުރިއަށްދާއިރު، މި ފެރީތައް ބޭނުންކުރާނީ ބެކަޕް ފެރީތަކެއްގެ ގޮތުގައެވެ. އަދި އިންޑިއާގެ ހިލޭ އެހީގެ ދަށުން އިތުރު 12 ފެރީއާއި ޒޯން 2ގެ މައި ފެރީ ޓަރމިނަލް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އުނގޫފާރުގައި ތަރައްޤީކުރާ ފެރީ ޓަރމިނަލަކީ އެ ޒޯނެއްގެ ހުރިހާ އަތޮޅުތަކާއި ރަށްތަކުގެ ޚިދުމަތް ބަލަހައްޓާ މައި ޓަރމިނަލް ހަބް އެވެ. މި ޓަރމިނަލްގައި މަޑުކޮށްލައިގެން ތިބޭ ސަރަޙައްދާއި، ފިހާރައަކާއި ފާޚާނާކުރުމުގެ އިންތިޒާމްތައް ހަމަޖެހިފައި ހުންނާނެއެވެ. މި ޓަރމިނަލްގެ މަސައްކަތަށް ބޭނުންވާ ސާމާނު އެރަށަށް ގެންދިއުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ސަރުކާރުން މިހާތަނަށް ވަނީ ރާއްޖޭގެ 11 އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ފަށާފައެވެ. އެންމެ ފަހުން މި ޚިދުމަތް ފެށީ މިދިޔަ ޖުލައި މަހުގެ ފަހު ހަފްތާގައި ބ. އަތޮޅުގައެވެ. މިހާރު ތައްޔާރުވަމުންދަނީ ޒޯން 4 ގައި ހިމެނޭ މ، ފ، ދ، ތ އަދި ލ އަތޮޅުގައި ޚިދުމަތް ފެށުމަށެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ހިސާބެއްގައި އާރްޓީއެލްގެ ޚިދުމަތް ފެށުމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ