ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް، ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ނުފެށި ހުރި ހުރިހާ އަތޮޅެއްގައި ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހައްދުންމަތީ ގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމަށްޓަކައި 2022 ވަނަ އަހަރު ފެށި މި މަޝްރޫޢަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި ނިޒާމުގެ ދަށުން ރާއްޖެ ވަނީ 6 ޒޯނަކަށް ބަހާލެވިގެން ޚިދުމަތް ފޯރުކޮށްދެމުންނެވެ. މިހާތަނަށް 12 އަތޮޅެއްގައި އާރްޓީއެލްގެ ޚިދުމަތް ވަނީ ފަށާފައެވެ؛ އެންމެ ފަހުން ޚިދުމަތް ފެށުނީ ތ. އަތޮޅުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މުޅި ރާއްޖެ އާރްޓީއެލް ނިޒާމުން ގުޅާލުމުގެ މަސައްކަތް ކުރިއަށްދާއިރު، ޚިދުމަތް ނުފެށި ހުރި އަތޮޅުތަކަށް ބޭނުންވާ ލޯންޗު ފެރީތައް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އެގޮތުން ލޯންޗުތައް ނިމުމާއެކު ލ. އަތޮޅުގައިވެސް އާރްޓީއެލްގެ ޚިދުމަތް ފެށިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި ޚިދުމަތް ނުފެށި ހުރި ހުރިހާ އަތޮޅެއްގައި މި ޚިދުމަތް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންވީމައި އާރްޓީއެލްގެ ޚިދުމަތައް އިންތިޒާރު ކުރައްވާ ރައްޔިތުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެކަން އެގޮތުގައޭ ހިނގަނީ ގާތްގަނޑަކަށް ފެބްރުއަރީ މާރޗްއާއި ހިސާބަށް ދާއިރު މި އަތޮޅަށްވެސް އަދި ދެންހުރި ޚިދުމަތް ނުފެށި ހުރި އަތޮޅުތަކަށްވެސް އެއޮތީ އެކަން ފެށޭގޮތްވެފައި. އެކަން އެގޮތައް ކުރިއަށްދާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އާރްޓީއެލް ފެރީގެ ޚިދުމަތަކީ އަތޮޅުތަކުގެ ރައްޔިތުން ދަތުރުފަތުރުކުރުމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ޚިދުމަތެކެވެ. އެމްޓީސީސީން ފާހަގަކުރައްވާ ގޮތުގައި މި ޚިދުމަތާއެކު ރަށްރަށަށް އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް އަންނަނީ ލިބެމުންނެވެ. ޚާއްސަކޮށް ސިއްޙީ ޚިދުމަތް ހޯދުމަށް ރީޖަނަލް ހޮސްޕިޓަލްތަކަށް ދަތުރުކުރުމަށް މި ޚިދުމަތުގެ ބޭނުން ގިނަ ބަޔަކު ކުރެއެވެ. ޚިދުމަތް ފެށުމުގެ ކުރިން ކޮންމެ އަތޮޅެއްގައިވެސް ދަތުރުކުރާ ރޫޓުތަކަށް އާންމުން ހޭލުންތެރިކުރުވުމަށް އެމްޓީސީސީން ޚާއްސަ ޕްރޮގްރާމްތައް ކުރިއަށްގެންދެއެވެ. މުޅި ރާއްޖެ މި ނިޒާމުން ގުޅާލުމުން، ރައްޔިތުންގެ ދަތުރުފަތުރުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް އައިސް، އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.




