ހުޅުމާލޭ ހޮސްޕިޓަލަށް އިތުރުކުރާ 10 ފަންގިފިލާގެ އިމާރާތުގެ މަސައްކަތް ކުރުމަށް ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، ސީއީއޯ ވިދާޅުވީ މި އިމާރާތުގައި 250 އެނދާއި ޕްރައިވެޓް ރޫމްތަކެއް ޤާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ބަޖެޓް ހަމަޖެއްސުމުގެ މަސައްކަތް މާލީ ވުޒާރާއާއި ސިއްޙީ ވުޒާރާ އަދި އިމާރާތްކުރުމާ ބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ހުޅުމާލޭ ހޮސްޕިޓަލުގައި 28 އެނދުގެ ވޯޑެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި، މި މަސައްކަތް މިއަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.
މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ އެހެން ހޮސްޕިޓަލްތަކުގެ ތަރައްޤީއަށްވެސް މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސީއީއޯ ފާހަގަކުރެއްވިއެވެ. މިގޮތުން އައިޖީއެމްއެޗްގެ ވޯޑްތައް އެސީކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އިތުރުން ކާޑިއޯތޮރެސިކް ސާރޖަރީ އަދި އިންޓަވެންޝަނަލް ރޭޑިއޯލޮޖީގެ ޚިދުމަތްތައް ފެށުމަށް ރޭވިފައިވެއެވެ.
ވިލިމާލޭގައި 100 އެނދުގެ އައު ހޮސްޕިޓަލެއް އެޅުމަށްވެސް ހަމަޖެހިފައިވާ ކަމަށާއި، މި މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ރޭވިފައިވާ ކަމަށް ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.




