މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވި ގޮތުގައި، މި އައު ޓެކްނޮލޮޖީގެ ސަބަބުން ބަލިމީހުންނަށް ސަރޖަރީއަށްފަހު އަވަސް ރިކަވަރީއެއް ލިބިގެންދާނެއެވެ. "ކަކުލު ހުޅުގެ ލިގަމެންޓަށް ލިބޭ އަނިޔާތަކަށް ފަރުވާ ދިނުމަށް އާތްރޮސްކޯޕިކް އޭސީއެލް ރީކޮންސްޓްރަކްޝަން ސަރޖަރީ ފެށުމާއެކު، ހުޅުމާލޭ ހޮސްޕިޓަލުގައި ކަކުލު ހުޅުގެ ސަރޖަރީގެ ޚިދުމަތް މިހާރު ވަނީ ފެށިފައި" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ސިއްޙީ ޚިދުމަތުގެ ފެންވަރު މަތިކޮށް ޒަމާނީ ޓެކްނޮލޮޖީ ތަޢާރަފްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މިގޮތުން އަތޮޅުތެރޭގެ ސިއްޙީ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމާއެކު، މާލެ ސަރަޙައްދުގެ ބޮޑެތި ހޮސްޕިޓަލުތަކުން ދެވޭ ފަރުވާގެ ފެންވަރުވެސް ދަނީ މަތިކުރެވެމުންނެވެ.
ހުޅުމާލޭގެ އިތުރުވަމުންދާ އާބާދީއަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި، ހުޅުމާލެ ހޮސްޕިޓަލުގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައްވެސް ދަނީ ކުރެވެމުންނެވެ. މިގޮތުން ހޮސްޕިޓަލުގެ އީއާރަށް އިތުރު 14 އެނދު އިތުރުކުރެވި، ޑަޔަލިސިސް ސެންޓަރަށް 30 އެނދު އިތުރުކުރެވިފައިވެއެވެ.
އަދި ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް 10 ބުރީގެ އައު ޢިމާރާތެއް އެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މީގެއިތުރުން ހޮސްޕިޓަލުން ވަނީ މެޑިކަލް އިންޓަރންޝިޕްގެ ޕްރޮގްރާމްވެސް ފަށާފައިވާކަން ފާހަގަކުރެވެއެވެ.



