ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް މިމަހު ފުރުމަށް ހަމަޖެހިފައިވާ 7 ކުދިންނާއި ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސަރުކާރުގެ މުހިއްމު ސިޔާސަތެއްގެ ގޮތުގައި، ރާއްޖޭގައި ފޯރުކޮށްދޭ ތެލަސީމިއާގެ ފަރުވާގެ ޚިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމުގެ އިތުރުން، ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ މަގު ފަހިކޮށްދިނުމަށް ވަނީ ނިންމާފައެވެ. މި ސިޔާސަތުގެ ދަށުން ކޮންމެ އަހަރަކު 10 ކުއްޖަކު ސަރުކާރުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން މިއަހަރު ކަނޑައަޅާފައިވާ 10 ކުދިންގެ ތެރެއިން 3 ކުއްޖަކު މިދިޔަ އޭޕްރީލް މަހު ވަނީ ފޮނުވާފައެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ކުދިން ފޮނުވަނީ ޒަކާތު ފަންޑުގެ ދަށުންނެވެ. މިކަމަށްޓަކައި ސިއްޙީ ވުޒާރާއާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ދެމެދު 2024 ވަނަ އަހަރު އެއްބަސްވުމެއް ވަނީ އެކުލަވާލާފައެވެ.
އަބާދީގެ ނިސްބަތުން ރާއްޖެއަކީ ތެލަސީމިއާ ކުދިން އެންމެ ގިނަ އެއް ޤައުމުކަމަށްވުމާއެކު، އެކުދިންނަށް ފޯރުކޮށްދޭ ޚިދުމަތް ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ. މިގޮތުން 30 އަހަރުވެފައިވާ ތެލަސީމިއާ ސެންޓަރުގެ ޚިދުމަތްތައް ހުޅުމާލޭ އޮރެންޖް ހިޔާއަށް ބަދަލުކުރެވި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް މޯލްޑިވިއަން ބްލަޑް ސަރވިސްގެ ޚިދުމަތްތައް ބަދަލުކުރެވިފައިވެއެވެ.
އިތުރު ތަރައްޤީގެ ގޮތުން، މާލެ ސަރަޙައްދުގައި ތެލަސީމިއާއަށް ޚާއްސަ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ތެލަސީމިއާ ކުދިންގެ އާބާދީ ކޮންޓްރޯލްކުރުމަށްޓަކައި ސްކޫލް ނިންމާ ކޮންމެ ކުއްޖަކީވެސް ތެލަސީމިއާއަށް ޓެސްޓުކުރެވިފައިވާ ކުއްޖަކަށް ހެދުމުގެ މަސައްކަތްވެސް ވަނީ ފެށިފައެވެ.
 
								
 
											
 
								 
								 
								

 
														 
														 
														 
														 
														 
														