މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ފުރަތަމަ 6 މަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ ވިޔަފާރިތަކުން ބޭންކުތަކަށް 362 މިލިޔަން ޑޮލަރު މާރުކޮށްފައިވެއެވެ.
މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޢަމަލުކުރަން ފެށި ބޭރުފައިސާއާ ބެހޭ އައު ޤާނޫނުގެ ދަށުން، މާރުކުރެވުނު މި ފައިސާގެ ތެރެއިން 60 އިންސައްތަ ވަނީ އެމްއެމްއޭއަށް ބޭންކުތަކުން ވިއްކާފައެވެ. އެމްއެމްއޭއިން ފާހަގަކުރާ ގޮތުގައި، މި ޤާނޫނު ތަޢާރަފުވުމުގެ ކުރިން ރާއްޖެއަށް ވަންނަ ބޭރުފައިސާގެ އާމްދަނީގެ ތެރެއިން ވޭތުވެދިޔަ 4 އަހަރު ބޭންކުތަކަށް މާރުކޮށްފައިވަނީ އެންމެ 10 އިންސައްތައެވެ. ނަމަވެސް އައު ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު މި އަދަދު ވަނީ 20 އިންސައްތައަށް އިތުރުވެފައެވެ.
އައު ޤާނޫނުގެ ދަށުން ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކުން އާމްދަނީގެ 20 އިންސައްތަ ނުވަތަ އެ ތަނަކަށް އަންނަ ފަތުރުވެރިއެއްގެ ބޮލަކަށް ޖެހޭ ނިސްބަތް ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. އަދި ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ 90 އިންސައްތަ އެމްއެމްއޭއަށް ވިއްކަން ޖެހެއެވެ.
މީގެއިތުރުން، ބޭރުފައިސާގެ އައު ޤާނޫނު ތަޢާރަފްވުމާއެކު ރާއްޖެއިން ލޯނު ދައްކާފައިވާ މިންވަރުވެސް ވަނީ އިތުރުވެފައެވެ. މިގޮތުން މިއަހަރުގެ ފުރަތަމަ 6 މަހުގެ ތެރޭގައި ލޯނުތަކަށް 174 މިލިޔަން ޑޮލަރު ޚަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 97 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ބޮންޑު ދެއްކުމަށް 27.5 މިލިޔަން ޑޮލަރު ވަނީ ޚަރަދުކޮށްފައެވެ.
އެމްއެމްއޭއިން ބަޔާންކުރާ ގޮތުގައި، ބޭންކުތަކުން އެމްއެމްއޭއަށް މާރުކުރާ ޑޮލަރުގެ 50 އިންސައްތަ ބޭނުންކުރަނީ ސަރުކާރުގެ އެކި ބޭނުންތަކަށާއި ރިޒާވް އިތުރުކުރުމަށެވެ. އަދި އިތުރު 40 އިންސައްތަ އަނބުރާ ބޭންކުތަކަށް ކޮންމެ ހަފްތާއަކު ވިއްކަމުންދެއެވެ. މި ފައިސާ ބޭނުންކުރެވެނީ ވިޔަފާރިތަކަށް ދޫކުރުމަށާއި، ބޭރުފައިސާ ބޭނުންވާ އެހެނިހެން އިލްތިޒާމުތައް އަދާކުރުމަށެވެ.