ހުޅުމާލޭ ހޮސްޕިޓަލުގައި އިންޓަރންޝިޕްގެ ފުރަތަމަ ޕްރޮގްރާމް އަންނަ އާދީއްތަ ދުވަހު ފެށުމަށް އެ ހޮސްޕިޓަލުން ވަނީ ތައްޔާރުވެފައެވެ. މި ޕްރޮގްރާމާއެކު ހޮސްޕިޓަލުގެ ޚިދުމަތުގެ ފެންވަރު އިތުރަށް މަތިވެގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.
ހޮސްޕިޓަލުގެ މެޑިކަލް ޑިރެކްޓަރ ޑރ. ޖުމެއިލާ ބޭގަމް ވިދާޅުވި ގޮތުގައި އިންޓަރންޝިޕް ޕްރޮގްރާމް ފެށިގެންދިޔުމަކީ މުޅި ހޮސްޕިޓަލަށް ލިބިގެންދާ ކުރިއެރުމެކެވެ. "ހުޅުމާލޭ ހޮސްޕިޓަލަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް މިއީ އިންޓަރންޝިޕް ޕްރޮގްރާމް ފެށި، ޓީޗިންގ ދާއިރާއަށް ވަނުމަށް ލިބުމަކީ. މިއީ އަދި ފެށުމެއް،" ޑރ. ޖުމެއިލާ ވިދާޅުވިއެވެ.
ފުރަތަމަ ބެޗުގައި 15 ދަރިވަރުންނަށް ފުރުސަތު ދެވިފައިވާއިރު، މިއީ މިވަގުތު ހޮސްޕިޓަލުގެ ޖާގަ ތަންދޭ މިންވަރުން އެންމެ ފުރިހަމަ ގޮތުގައި ދަރިވަރުންނަށް ފުރުސަތު ފަހިކުރެވޭނެ އެންމެ މަތީ އަދަދު ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުގައި މިވަގުތު ނެތް ސްޕެޝަލިޓީތަކުގެ ތަޖުރިބާ ހޯދުމަށް އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުން ފުރުސަތު ފަހިކޮށްދެވޭނެއެވެ.
ރާއްޖޭގެ ސިއްހީ ދާއިރާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ރާއްޖެއިން ބޭރުން އެމްބީބީއެސް ނިންމާ ދަރިވަރުންނަށް އިންޓަރންޝިޕް ފުރުސަތު މަދުވުމުގެ މައްސަލައެވެ. މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ރާއްޖޭގެ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލުތަކަށް އިންޓަރންޝިޕް ޕްރޮގްރާމް ހިންގުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.
އިންޓަރންޝިޕްގެ ފުރަތަމަ އަހަރު ނިމުމުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ޕްރޮގްރާމް އިވެލުއޭޓްކުރުމަށްފަހު، ކުރިއަށް އޮތް އަހަރު ހުޅުމާލޭ ހޮސްޕިޓަލުގެ އަމިއްލަ ޕްރޮގްރާމެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ.




