އަރިއަތޮޅު އުތުރުބުރީ ރަންފަރު ފަޅަކީ އެ އަތޮޅު މާޅޮހުގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ. މިކަން ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ނެރުއްވި ޤަރާރެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، އަރިއަތޮޅު އުތުރުބުރީ މާޅޮހުގެ ބައެއްގެ ގޮތުގައި އެ އަތޮޅު ރަންފަރު ކަނޑައަޅައިދެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، އަރިއަތޮޅު އުތުރުބުރީގައި އޮންނަ "ރަންފަރު" ފަޅަކީ އެ އަތޮޅުގެ "މާޅޮސް" ގެ ބައެއްކަމުގައި ކަނޑައަޅުއްވައިދެއްވާފައިވެއެވެ.
މި ޤަރާރާ އެކު، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް، އަރިއަތޮޅު އުތުރުބުރީ "ރަންފަރު" ފަޅު އިތުރުކުރައްވައި، އެ ރަށުގެ ނަން ދިވެހިބަހުންނާއި އިނގިރޭސިބަހުން ލިޔަންވީ ގޮތްވެސް ވަނީ ކަނޑައަޅުއްވާފައެވެ.
މި ނިންމެވުމަކީ ޑިސެމްބަރު 2024 ގައި ރައީސުލްޖުމްހޫރިއްޔާ އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި، އއ. މާޅޮހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވެވަޑައިގެންނެވި ވަޢުދުފުޅެއް ފުއްދެވުމެވެ.
މި ނިންމެވުމާއެކު، އއ. ރަންފަރު ފަޅު ވަނީ ރަސްމީކޮށް އއ. މާޅޮހުގެ ބައެއްގެ ގޮތުގައި ހަމަޖެހި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް އިތުރުވެފައެވެ.




