ޣައްޒާގެ ފުރިހަމަ ބާރުވެރިކަން ހޯދުމަށް ނަތަންޔާހޫ ނިންމި ނިންމުން ރައީސް މުޢިއްޒު ކުށްވެރިކުރައްވައިފި

މުޅި ޣައްޒާ ޔަހޫދީ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެނައުމަށް ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިންމި ނިންމުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މީސް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ ޔަހޫދީން ފަލަސްޠީނުގައި ހިންގާ ޤަތުލުޢާންމަކީ ބައިނަލްއަޤުވާމީ އިންސާނީ ޤާނޫނުތަކާއި ހަމަތަކާ ޚިލާފު ޢަމަލުތަކެއް ކަމަށެވެ. އަދި މި ޢަމަލުތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަންކަމަށް ހުރަސްއެޅިފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.

"މިއީ ޔަހޫދީން މިހާރު ހިފާފައިވާ ސަރަހައްދުތަކުގައި ތިބި ފަލަސްޠީނުގެ ރައްޔިތުންނަށް އިތުރު ހިތާމައެއް ލިބި، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން ހަމަޖެހުމަށް ހުރަސްއެޅޭ ނިންމުމެއް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވެފައިވަނީ ރާއްޖެއިން އަބަދުވެސް ދެމި އޮންނާނީ ފަލަސްޠީނުގެ މުސްލިމުންނާއެކު ކަމަށާއި، ފަލަސްޠީނުގެ މިނިވަންކަމާއި ސިޔާދަތަށް ހުރަސްއަޅާ އެއްވެސް ޢަމަލެއް ބަލައިނުގަންނާނެ ކަމަށެވެ. އަދި ޣައްޒާގައި ހިންގާފައިވާ ޖަރީމާތަކަށް ޔަހޫދީން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ގޮވާލައްވާފައިވެއެވެ.

ޚާރިޖީ ވުޒާރާއިން ވެސް ވަނީ މި މައްސަލައިގައި އަޑުއުފުލާ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަނޑައެޅުމަށް ގޮވާލާފައެވެ.

އޮކްޓޫބަރު 7 އިން ފެށިގެން މިހާތަނަށް ޣައްޒާގައި 61،000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނި 98 ފަލަސްޠީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެއިތުރުން ބަނޑުހައިހޫނުކަމުގެ ސަބަބުން ވެސް ޣައްޒާގެ އެތައް ރައްޔިތުންތަކެއް ދަނީ މަރުވަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ