އުގެނުމުގައި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ނުވަތަ ސެން ޓީޗަރުން ތަމްރީނުކުރުމުގެ ކޯސް ކުރިއަށްގެންދާނީ މަސައްކަތުގެ އަމަލީ ތަޖުރިބާއާ އެކުގައިކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން މިއަދު ހާމަކޮށްފިއެވެ.
އައިޔޫއެމްގެ ކުއްލިއްޔާ އޮފް އެޑިއުކޭޝަންގެ ޑީން ޑރ. ޢާއިޝަތު ޝިނާ ވިދާޅުވި ގޮތުގައި، މި ކޯހުގައި 4 މަސައްކަތު ބައްދަލުވުން ހިމެނޭނެއެވެ. މި ބައްދަލުވުންތަކުގައި ކްލާސް މެނޭޖްކުރާނެ ގޮތްތަކާއި، ދަރިވަރުން ގްރޫޕްތަކަށް ބަހާލައިގެން ކިޔަވައިދިނުމުގެ އުކުޅުތައް ދަސްކޮށްދެވޭނެއެވެ.
"މި ތަޖުރިބާދޭއިރު އަޅުގަނޑުމެން ވަކިން ގެންނާނީ މިހާރު މި ކިޔަވައިދެއްވަން ވަޑައިގަންނަވާ ބޭފުޅުންގެ އިތުރުން ސްކޫލްތަކުގައި މިހާރު ކިޔަވައިދެއްވަމުން ގެންދަވާ ބޭފުޅުންގެ އެހީއާއެކުގަ އަޅުގަނޑުމެންގެ މި ވޯކްޝޮޕްތައް ކުރިއަށްގެންދާނީ،" ޑރ. ޝިނާ ވިދާޅުވިއެވެ.
ތަޢުލީމީ ވުޒާރާއާއި، އައިޔޫއެމްއާއި ވިލާ ކޮލެޖު ގުޅިގެން ހިންގާ މި ކޯހުގެ ކިޔެވުން އަންނަ މަހު ފެށޭނެއެވެ. ކޯހުގައި ކިޔަވައިދޭނީ 8 މޮޑިއުލެވެ. އަދި ކިޔެވުން ކުރިއަށްދާނީ ހަފްތާ ބަންދަށް ޚާއްސަކޮށްގެންނެވެ.
މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. ކޯހަށް އެދޭ ފަރާތްތަކުން މި މަހުގެ 25 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ. އޮގަސްޓް އިންޓޭކްގެ ކްލާސްތައް ފެށިގެންދާނެކަމަށް އައިޔޫއެމްއިން ބުނެފައިވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މި ކޯހަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ކޯހެކެވެ.




