ސެން ޓީޗަރުން ތަމްރީނުކުރުމުގެ ކޯސް އައިޔޫއެމްގައި ފަށައިފި، ވިލާކޮލެޖުގައި މިމަހު ފަށަނީ

ސަރުކާރުން ކުރިއަށްގެންދާ ސެން ޓީޗަރުން ތަމްރީންކުރުމުގެ ކޯސް 30 އަށްވުރެ ގިނަ ދަރިވަރުންނާއެކު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގައި ފަށައިފިއެވެ. އަދި މި ކޯސް ވިލާ ކޮލެޖުގައިވެސް މިމަހުގެ ތެރޭގައި ފެށުމަށް ވަނީ ތައްޔާރުވެފައެވެ.

އުގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ މި ކޯސް ކުރިއަށް ގެންދަނީ ތަޢުލީމީ ވުޒާރާއާ ގުޅިގެން އައިޔޫއެމް އަދި ވިލާ ކޮލެޖުގައެވެ. އައިޔޫއެމްގައި މިހާރު ފަށާފައިވާ މި ކޯހަށް 45 ދަރިވަރުން އެޕްލިކޭޝަން ހުށަހަޅާފައިވާއިރު، މިހާތަނަށް 30 އަށްވުރެ ގިނަ ދަރިވަރުން ވަނީ ރަޖިސްޓްރީވެފައެވެ.

އައިޔޫއެމުން މަޢުލޫމާތު ދެއްވިގޮތުގައި މި ކޯހުގައި ކިޔަވާ ދަރިވަރުންގެ ތެރޭގައި އަލަށް މުދައްރިސްކަން ކިޔަވާ ދަރިވަރުންނާއި މިހާރު ސްކޫލްތަކުގައި ވަގުތީ މުދައްރިސުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތައް ހިމެނެއެވެ. އަދި ކޯހުގައި ކްލާސްރޫމް ތަމްރީނުގެ އިތުރުން އަމަލީ ތަޖުރިބާގެ ބައިވެސް ހިމެނޭނެއެވެ.

ވިލާ ކޮލެޖުގައި ފެށުމަށް ތައްޔާރުވަމުންދާ މި ކޯހަށް 90 އަށްވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާއިރު، މިހާތަނަށް 37 ދަރިވަރުން ވަނީ ކޯހަށް ހޮވިފައެވެ. މި ކޯހަކީ ދަރިވަރުންނަށް މުޅިން ހިލޭ ކިޔަވައިދޭ ކޯހެއް ކަމަށްވާއިރު، ކޮންމެ ދަރިވަރަކަށް މަހަކު 1500 ރުފިޔާގެ ޕޮކެޓް މަނީއެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ކޯހަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ ކޯހެކެވެ. ސަރުކާރުން އަމާޒުހިފާފައިވަނީ މި ރިޔާސީ ދައުރު ނިމުމުގެ ކުރިން މުދައްރިސުން ލިބުމުގައި ހުރި ދަތިތަކަށް ޖުމްލަ ޙައްލެއް ހޯދުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ