ނޯތު ހާބަރުގައި ބޭނުންކުރާ އުޅަނދުތަކުގެ ތެރެއިން %99 އުޅަނދު ރަޖިސްޓަރކޮށްފި

މާލޭ ނޯތު ހާބަރު ބޭނުންކުރާ އުޅަނދުތަކުގެ ތެރެއިން، 99 އިންސައްތަ އުޅަނދު ރަޖިސްޓަރ ކޮށްފައިވާކަމަށް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ހާމަކޮށްފިއެވެ.

މަސްމާރުކޭޓު ސަރަހައްދާއި އެ ސަރަހައްދުގެ ކުރިމަތީގައި އޮންނަ ލޯކަލް މާރުކޭޓުގެ ހުރަސްތޮށްޓާ ހަމައަށް ހިމެނޭ މާލޭގެ ވިޔަފާރި ބަނދަރާއި ނޯތު ހާބަރު ސަރަހައްދު މިހާރު ބަލަހައްޓަމުން ގެންދަނީ އެމްޕީއެލުންނެވެ. އެމްޕީއެލްގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އަޙުމަދު ހަމްދުﷲ ރަޝީދު ވިދާޅުވި ގޮތުގައި، އެ ސަރަހައްދު ބޭނުންކުރާ އުޅަނދުތައް ރަޖިސްޓްރީކުރުމަކީ ކޮންމެ ވަގުތަކުވެސް ކުރެވޭނެ ކަމެކެވެ.

އެމްޕީއެލުން ދޭ މައުލޫމާތުގައި، މަސްވެރި އުޅަނދުފަހަރަށް މައުލޫމާތު ދިނުމަށް ކޮންމެ ދުވަހަކުވެސް ހެނދުނާއި ހަވީރު އެމްޕީއެލްގެ މުވައްޒަފުން އެ ސަރަހައްދަށް ޒިޔާރަތްކުރާ ކަމަށާއި، ރަޖިސްޓްރީކުރުމަށް ބޭނުންވާ އުޅަނދުގެ ލިޔެކިޔުންތައް ވައިބަރ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށްވެސް ހުށަހެޅޭނެ ކަމަށް ވިދާޅުވިއެވެ.

"ރަޖިސްޓްރީކުރުމަކީ ވަކި މުއްދަތެއް އޮތް ކަމެއްނޫން. ކޮންމެ ދުވަހަކުވެސް ރަޖިސްޓްރީކުރުމުގެ ކަންތައްތައް ކުރިއަށްދާނެ. މިހާރު ޚިދުމަތް ހޯދަން ބޭނުންފުޅުވާ ހުރިހައި ފަރާތްތަކަށް ހުޅުވާލުމުގެ ސަބަބުން މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުތަކުގެ 99 އިންސައްތަ ރަޖިސްޓްރީކޮށް ނިންމާފައި އޮތީ،" ހަމްދުﷲ ރަޝީދު ވިދާޅުވިއެވެ.

އެމްޕީއެލުން ބޭނުންވަނީ ވިޔަފާރި އުސޫލުން ހިންގާ ބަނދަރެއްގެ ގޮތުގައި އެ ބަނދަރު ހިންގުމުގެ ބަދަލުގައި ރައްޔިތުންނަށްދޭ އާންމު ޚިދުމަތެއްގެ ގޮތުގައި އެތަން ހިންގުން ކަމަށް ހަމްދުﷲ ވިދާޅުވިއެވެ. އަދި ނޯތު ހާބަރު ސަރަޙައްދު ބޮޑުކުރުމާއެކު، އަލަށް އިތުރުވި ސަރަހައްދުން ތެލާއި އައިސް ލިބޭނެ އިންތިޒާމުތައްވެސް ހަމަޖައްސާނެ ކަމަށް އެމްޕީއެލުން ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ