މިދިޔަ ހަފްތާގައި މިފްކޯއަށް މަސް ކިރުވި 125 ދޯންޏަކަށް 3.9 މިލިޔަން ރުފިޔާ ދޫކޮށްފި

މިދިޔަ ހަފްތާގައި 125 ދޯންޏަކުން ކިރުވި މަހަށް 3.9 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މިދިޔަ ހަފްތާގައި މަހަށް ނިކުތް ދޯނިތަކުގެ އަދަދު ދަށްވެފައިވާކަމަށް މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ސަރުކާރުގެ މަސްކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި މިފްކޯއަށް 125 ދޯންޏަކުން މަސްކިރުވާފައިވާއިރު، މިއީ އޭގެ ކުރީ ހަފްތާގައި މިފްކޯއަށް މަސްކިރުވި ދޯނީގެ އަދަދާއި އަޅާބަލާއިރު 49.4 އިންސައްތަ ދަށް އަދަދެކެވެ. އޭގެ ކުރީ ހަފްތާގައި މިފްކޯއަށް މަސްކިރުވާފައިވަނީ 247 ދޯންޏަކުންނެވެ.

މިފްކޯއަށް މަސްކިރުވާފައިވާ ދޯނީގެ އަދަދު ދަށްވެފައިވާއިރު، މިދިޔަ ހަފްތާގައި މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދުވެސް ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ ހަފްތާގައި މަސްވެރިންނަށް ދޫކޮށްފައިވަނީ މުޅި ޖުމްލަ 3,926,045 ރުފިޔާއެވެ. މިއީ އޭގެ ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކުރި 8,121,231 ރުފިޔާއާއި އަޅާބަލާއިރު 51.7 އިންސައްތަ ދަށް އަދަދެކެވެ.

މިދިޔަ ހަފްތާގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ބުދަ ދުވަހުއެވެ. އެގޮތުން އެދުވަހު މިފްކޯއަށް 33 ދޯންޏަކުން މަސްކިރުވާފައިވާއިރު، އެ ދޯނިތަކަށް މުޅި ޖުމްލަ 1،123،572 ރުފިޔާ ވަނީ ދޫކޮށްފައެވެ.

ސަރުކާރުން ދަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއަރުވާ ސިންދަފާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންކަން ފާހަގަކޮށްލަންޖެހެއެވެ. އަދި މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭނެ އެއް ސިނާއަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.

އެގޮތުން ރާއްޖޭގައި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ އުފެއްދުންތެރިންނަށް ބައިނަލްއަޤުވާމީ ބާޒާރުތަކުގައި ވާދަވެރިކަމާއެކު ބައިވެރިވުމުގެ މަގު އިތުރަށް ފަހިކުރުމުގެ މަގުސަދުގައި މި ސަރުކާރުން ވަނީ "ފްރޮމް މޯލްޑިވްސް"ގެ ނަމުގައި މަސްވެރިކަމުގެ އުފެއްދުންތަކަށް ހާއްސަ ޤައުމީ ބްރޭންޑެއް ތަޢާރަފްކޮށްފައެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ކަނޑު މަހުގެ މަސްވެރިކަން އިތުރަށް ފުޅާކުރުމަށާއި، އެކުއަކަލްޗަރގެ ސިނާޢަތް އިތުރަށް ތަރައްޤީކުރުމަށް މި ސަރުކާރުން ވަނީ އަވަށްޓެރި އިންޑިއާއާއި ސްރީލަންކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ