ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު ދެކުނުބުރިއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކުޑަރިކިލަށް ވަޑައިގެން، އެމަނިކުފާނު ވަނީ އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމުގެ ގޮތުން އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި ހަނދާނީ ބޭންކް ކާޑެއް ރަށު ކައުންސިލްގެ ރައީސް، ޢަބްދުލްޙަންނާން ޢައްބާސްއާ ހަވާލުކުރައްވާފައިވެއެވެ.
ބީއެމްއެލްއިން މަޢުލޫމާތު ދެއްވިގޮތުގައި، ކުޑަރިކިލުގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބޭނެއެވެ. އަދި ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތްވެސް މި އޭޓީއެމުން ލިބިގެންދާނެއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސް މުޢިއްޒުގެ ވަޢުދެކެވެ. މި ވަޢުދާ އެއްގޮތަށް މި އަހަރުގެ ތެރޭގައި 100 ރަށެއްގައި އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ފަށާފައެވެ.
މި މަޝްރޫޢުގެ ދަށުން މިހާތަނަށް ހއ. އަތޮޅާއި، ށ. އަތޮޅާއި، ދ. އަތޮޅާއި، ނ. އަތޮޅާއި، މ. އަތޮޅު އަދި ކ. އަތޮޅު ހިމެނޭ ގޮތަށް 6 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ވަނީ ފަށާފައެވެ. އަދި މި އައު އޭޓީއެމްއާއެކު މުޅި ރާއްޖެ ހިމެނޭ ބީއެމްއެލް ބޭންކިންގ ވިއުގައިގައި 250 އަށްވުރެ ގިނަ އޭޓީއެމް ހުންނާނެކަމަށް އެ ބޭންކުން ވަނީ ހާމަކުރައްވާފައެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ކުޑަރިކިލު ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވަނީ އަޅުއްވައިދެއްވާފައެވެ. މި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަންއާ އެކު 1 އަހަރުގެ ތެރޭގައި ނިންމުމަށެވެ.




